ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެގޮތުން ފުށިދިއްގަރުފަޅުގައި ފެށުމަށް ނިންމާފައިވާ ދަނޑުވެރިކަމުގެ ބިޔަ މަޝްރޫޢުގެ ޕައިލެޓް ޕްރޮޖެކްޓެއް ލާމު އަތޮޅުގައި ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތައް ޖަވާބު ދެއްވަމުންނެވެ.
ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެގޮތުން ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަޙައްދެއް ޤާއިމްކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯން ކުންފުނިން، ޗައިނާގެ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ މާރިޗު މަހުއެވެ.
މި މަޝްރޫޢާގުޅޭގޮތުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ މި މަޝްރޫޢުކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ފުށިދިއްގަރުފަޅުގައި ކަމަށާއި، މި މަޝްރޫޢުއަށް ބޭނުންވާ ބިން ހިއްކުމަށް ވަގުތު ބޭނުންވާނެ ކަމަށެވެ. އެހެން ނަމަވެސް މި މުއްދަތުގައިވެސް މި މަޝްރޫޢާ ގުޅޭ އިތުރު މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން ލާމު އަތޮޅުގައި ޕައިލެޓު ޕްރޮޖެޓެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވިއެވެ.
"ލާމު އަތޮޅުގައި ވާނީ ބިމެއް ފާހަގަކޮށްފަ މިމަސް ނިމޭހާތާގަ އަޅުގަނޑުމެން އެވާހަކަ ދައްކާ އަދި ބިމުގަ ހައްދާނީ ކޮން ބާވަތެއްގެ އެއްޗެއް ތޯ ބަލާ ޕްލޭންކޮށް މި އަންނަ މަހު އެ މަސައްކަތް ފެށޭނެ" ޑރ. މަރްޔަމް މާރިޔާ ވިދާޅުވިއެވެ.
ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަހައްދު ގާއިމްކުރުމަށް 100 ހެކްޓަރުގެ ބިމެއް ހިއްކުމަށް ވަނީ ނިންމާފައެވެ. ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަހައްދުގެ ޢަމަލީ މަސައްކަތްތައް 2026 ވަނަ އަހަރުގެ ކުރީކޮޅު ފެށޭނެކަމަށް ވަނީ ލަފާކޮށްފައެވެ.
ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ އެކަމަށް ހައްލުތަކެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއްދެއްވާ ކަމެކެވެ. އެގޮތުން މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯން ކުންފުނިން ޗައިނާގެ ހާބަރ އިންޖިނިއަރިންގް ކޮމްޕެނީ ލިމިޓެޑާއެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ބިން ހިއްކުމާއި، ޕްރައިމަރީ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި، ދަނޑުވެރިކަމުގެ އިންޑަސްޓްރިއަލް ޕާކް ތަރައްޤީކުރުމާއި، ފަސިންޖަރުންނާއި މުދާ އުފުލުމުގެ ޓަރމިނަލްތައް ޤާއިމުކުރުމާއި، މިނޫންވެސް ގުޅުންހުރި ޢުމްރާނީ ވަސީލަތްތައް މި ސަރަޙައްދުގައި ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.