ޚަބަރު

ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް އެއްބާރުލުން ދެއްވާނަން: އެމްއޯސީގެ ރައީސް


ރާއްޖޭގައި ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބޭއްވުމަށް ދެވެން އޮތް އެންމެ ބޮޑަކަށް އެއްބާރުލުދެއްވާނެ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސް މުޙައްމަދު އަބުދުލް ސައްތާރު (ޗަމްޕީ) ވިދާޅުވެއްޖެއެވެ.

މި މަހު އޮމާންގައި ބޭއްވި 10 ވަނަ ބީޗް ހޭންޑްބޯލް އޭޝިއާ ޗެމްޕިއަންޝިޕް 2025 އަށް ގައުމީ ބީޗް ހޭންޑްބޯޅަ ޓީމު ފުރުމުގެ ކުރިން ޖޯޒީ ހަވާލުކުރުމަށް ހޭންޑްބޯލް މޯލްޑިވްސްއިން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން އެމްއޯސީގެ ރައީސް ވިދާޅުވީ ހޭންޑްބޯލް މޯލްޑިވްސްއިން ކޮމަންވެލްތާއެކު ރާއްޖޭގައި ބާއްވަން ތައްޔާރުވާ މުބާރާތަށް އެ އިދާރާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

"އޮލިމްޕިކް ކޮމިޓީން މިތިބީ މި ކަހަލަ ކަންކަމުގައި ދެވުނު އެންމެ ބޮޑަކަށް އެއްބާރުލުންދޭން. އިރާދުކުރެވިއްޔާ މިކަހަލަ އިތުރު މުބާރާތްތައް ބޭއްވޭނެ ކަމަށް ޔަގީން ކުރަން. ކޮމަންވެލެތް ގޭމްސް ރަނގަޅަށް ގެންދެވިއްޖެނަމަ ދިވެހިރާއްޖޭގައި މި ކަހަލަ އިންޓަނޭޝަނަލް މުބާރާތްތައް ބޭއްވޭނެކަމުގެ ޔަޤީންކަން އެހެން ގައުމުތަކަށްވެސް ލިބިގެންދާނެ" ކަމަށް އަބްދުއްސައްތާރު ވިދާޅުވިއެވެ.

އަބްދުއްސައްތާރު އެ އިޝާރާތް ކުރައްވާ ކޮމަންވެލްތް ގޭމްސް އަކީ މިއަހަރުގެ ސެޕްޓެމްބަރު 18-22 އަށް ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަގްވާމީ ބީޗް ހޭންޑް ބޯޅަ މުބާރާތެކެވެ.

ކުޅުދުއްފުށީ ސިޓީއަކީ ކުޅިވަރަށް އަދި ވަކިން ހާއްސަކޮށް ހޭންޑް ބޯޅައަށް ވަރަށް ބޮޑު އެހީތެރިކާމާއި އެއްބާރުލުމެއް ލިބޭ ސިޓީއެއްކަން ފާހަގަކުރައްވާ، ކޮމަންވެލްތް ގޭމްސް ކުޅުދުއްފުށީގައި ބޭއްވޭކަމީ ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށްވެސް އެމްއޯސީގެ ރައީސް ވިދާޅުވިއެވެ.

މީގެ އިތުން ކުޅިވަރުގެ މިކަހަލަ ހުރިހާ ކަމަކަށްވެސް ކުޅީވަރު ވުޒާރާއިން ދެއްވާ އެއްބާރުލުން ފާހަގަ ކުރައްވާ ކަމަށާއި، އެންމެ ކުރީސަފުގައި ކުޅިވަރު ވަޒީރު އަބުދުﷲ ރާފިއު ހުންނަވައިގެން ކަންކަން މަގުފަހިކޮށްދެއްވުމަށް ކުރައްވާ މަސައްކަތް އަބްދުއްސައްތާރު ފާހަގަ ކުރެއްވިއެވެ.

މިފަދަ ބައިނަލްއަގްވާމީ މުބާރާތްތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށްވެސް ފައިދާތަކެއް ލިބޭނެ ކަމަށާއި، ސްޕޯޓްސް ޓޫރިޒަމް ފުޅާވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ޓޫރިޒަމްގެ ކުރިއެރުން ލިބޭނެ. ހާއްސަކޮށް ރާއްޖޭގެތެރޭގައި މި ހުންނަ ގެސްޓް ހައުސްތަކަށްވެސް ފައިދާ ކުރާނެ. އަދި ރާއްޖޭގެ ރީތިކަން ފެނި ރާއްޖެ އިސްތިހާރުވެގެންދާނެ" ކަމަށްވެސް އަބްދުއްސައްތާރު ވިދާޅުވިއެވެ.

ކޮމަންވެލްތް މުބާރާތެއް ރާއްޖޭގެ ގޮނޑުދޮށްތަކުގައި ބޭއްވިގެންދިއުމަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިސްތިހާރުވެ ރާއްޖެއަށް އިތުރު ފަތުރުވެރިން ޒިޔާރަތް ކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށްވެސް ހެޔޮ އަސަރު ކުރާނެ ކަމަށް އަބްދުއްސައްތާރު ވިދާޅުވިއެވެ.