ދަރިމައިވުމުގައި ހުރި ދަތިތަކަށް ދެނެގަތުމަށް ރާއްޖޭގައި ކުރިއަށްގެންދިޔަ ދިރާސާ ނިންމާލައިފިއެވެ.
ޤައުމީ ޔުނިވަރސިޓިއާއި ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑު، ޔޫއެންއެފްޕީއޭ ގުޅިގެން ކުރިއަށް ގެންދިޔަ މިދިރާސާ ނިންމާލުމަށް ޤައުމީ ޔުނިވަރސިޓީގައި ބޭއްވެވި ރަސްމިޔާތުގައި އިޖުތިމާޢީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ އިތުރުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
ދިރާސާ ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫއެންއެފްޕީއޭ މޯލްޑިވްސްގެ ކަންޓްރީ ޑިރެކްޓަރު، ކުންލޭ އަޑެނިޔީ ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިމޮގްރަފިކް ތަރައްގީއަށް އަންނަމުންދާ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އޭނާ ވިދާޅުވީ ޒުވާނުންނާއި އަންހެނުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ޔޫއެންއެފްޕީއޭއިން ހިތްވަރުދޭކަމަށެވެ. އަދި އެކަމަށްޓަކައި އެޖަމްޢިއްޔާއިން ކުރަމުން އަންނަ މަސައްކަތް ކުންލޭ ފާހަގަކުރެއްވިއެވެ.
މިރަސްމިއްޔާތުގައި މިދިރާސަތަކުގެ ނަތީޖާތައް ހުށަހަޅައިދެއްވީ ލޭބަރ އަދި ޑިމޮގްރަފިކް ރިސާޗްގެ ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ ޔޫއެންއެފްޕީއޭގެ ކޮންސަލްޓަންޓް ޑރ. ޓާޓިއާނާ ކަރަބްޗުކްއެވެ.
ދިރާސާ ނިންމުމުގެ ރަސްމިއްޔާތުގެ ތެރޭގައިވަނީ ޕެނަލް ޑިސްކަޝަނެއް ވެސް ކުރިއަށް ގެންގޮސްފައެވެ.
* ޑރ.ޓަޓިއާނާ ކަރަބްޗުކް – ލީޑް ރިސާޗަރ
* މައިމޫނާ އަބޫބަކުރު – ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، އެޗްޕީއޭ
* ޑރ. ހުސައިން ނިޔާޒް – ޑިމޮގްރަފަރ
* ޝާދިޔާ އިބްރާހިމް – ޔޫއެންއެފްޕީއޭ މޯލްޑިވްސްގެ ހެޑް އޮފް އޮފީސް
މިރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޔޫއެންއެފްޕީއޭ މޯލްޑިވްސްގެ ހެޑް އޮފް އޮފީސް ޝާދިޔާ އިބްރާހިމް ވިދާޅުވީ ކުދިން ހޯދުން މަދުވަނީ ދިރިއުޅުމުގެ ޚަރަދު ބޮޑުވުމުންނާއި، އުޅެންޖެހޭ މާހައުލުގެ ދަތިކަމުންކަމަށް މިދިރާސާއިން ދައްކާކަމަށެވެ.
ޤައުމީ ޔުނިވަރސިޓީއާއި ޔޫއެންއެފްޕީއޭއިން ވިދާޅުވީ މިދިރާސާގެ އަލީގައި ދަރިމައިވުމުގެ ދަތިކަން ކުރިމަތިވެފައިވާ ފަރާތްތަކަށް އެހީތެރިވެވޭނެކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި ރާއްޖޭގައި ދަރިމައިވުމުގެ ނިސްބަތް ދައްވަމުންދާ މައްސަލަ ހައްލުކުރެވިގެންދާނެ ކަމަށް އުއްމީދުކުރާކަމަށްވެސް ވިދާޅުވިއެވެ.