ޚަބަރު

ބޭސްލައިން ރަނގަޅުވުމަކީ ކުޅިވަރުގައި ކުރިއަށްދާން އެޅޭ މުހިއްމު ފިޔަވަޅެއް: ސްޕްރިންޓް ކޯޗު ހުސެއިން


ކުޑައިރުން ފެށިގެން އެތުލެޓިކްސް ހަރަކާތްތަކަށް އަހުލުވެރިކުރުވާ ބޭސް ލައިން ރަނގަޅު ކުރެވިއްޖެނަމަ ކޮންމެ ކުޅިވަރަކަށް ދާންވެސް ފުރުސަތު ފަހިވެގެންދާނެކަމަށް ޤައުމީ ސީނިއާ އެތުލެޓިކްސް ޓީމުގެ ސްޕްރިންޓް ކޯޗު ހުސެއިން ހަލީމް ބުނެފިއެވެ.

ކޯޗު ހުސެއިން މިހެން ބުނެފައިވަނީ ހޮނިހިރު ދުވަހު ކްލަބް ރޭސާސްއިން ކުޅިވަރު ވުޒާރާއާއި ޔުނިސެފް އަދި އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ބޭއްވި “ކިޑްސް އެތުލެޓިކްސް ޑޭ” އަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައެވެ.

ސީނިއާ އެތުލެޓިކްސް ކޯޗު ހުސެއިން ބުނީ ކިޑްސް އެތުލެޓިކްސް ޑޭ ބޭއްވުމުގެ މަގްސަދަކީ ބޭސް ލައިން ރަނގަޅު ކުރުން ކަމަށެވެ.

"ބައެއްކަހަލަ އޮބްސްޓިކަލްސް އާއި ފޭސް ކުރަން އުދަނގޫ ކުދިންތަކެއް އެބައުޅޭ. އަހަރެމެން ބޭނުންވަނީ ހުރިހާ ކުދިންނަކީވެސް އޮބްސްޓިކަލްސްތަކާއި ފޭސްކޮށްފަ އެ ޗެލެންޖާއި ކުރުމަތިލާން ކެރޭ ކުދިންނަށްވާން" ކޯޗު ހުސެއިން ބުންޏެވެ.

"ހެލްތީ ކިޑް ފޯ ފިއުޗަރ" މި ޝިއާރުގެ ދަށުން ކުރިޔަށް ގެންދިޔަ ކިޑްސް އެތުލެޓިކްސް ޑޭގެ ހަރަކާތްތަކުގައި 250 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި އިވެންޓް ފައްޓަވާ ދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބުދުﷲ ރާފިޢުއެވެ. އަދި ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ބައެއް ބައިވެރިންނަށް މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދެވެ.

އަންނަ އަހަރުވެސް މޭމަހުގެ ތެރޭގައި ކިޑްސް އެތުލެޓިކްސް ޑޭ ބޭއްވުމަށް ވަނީ ނިންމާފައެވެ. މިއީ ދުޅަހެޔޮ ސިއްހަތެއްގައި ހެދި ބޮޑުވުމާއި ހެލިފެލިވެ އުޅުމަށް ތުއްތު ކުދިންނަށް ބާރު އެޅުމުގެ ގޮތުން ކުރިޔަށް ގެންދިޔަ އިވެންޓެކެވެ. ކިޑްސް އެތުލެޓިކްސް ޑޭ ކާމިޔާބުކަމާއެކު ނިންމާލުމުގައި ބެލެނިވެރިންނާއި އެތުލެޓިކްސް އެސޯސިއޭޝަނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް އެ އެސޯސޯޝިއޭޝަނުން ވަނީ ޝުކުރު އަދާކޮށްފައެވެ.