ދިވެހިރާއްޖޭގެ ކުޅިވަރު ޙަޔާތުގައި މިއަދު ހުޅުވިގެން މި ދަނީ ވަރަށް މުހިންމު ޞަފުޙާއެއް ކަމަށާއި މިއަދު އެޅިގެން މިދަނީ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީގުކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ކުރިއަށްދިޔަ ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް ގެނެވުނު ފުރަތަމަ އިޞްލާޙާއިއެކު ކުޅިވަރު ކުރިއެރުވުން ލާމަރުކަޒުވެ، ކުޅުންތެރިންނަށް ފުރުޞަތު ފަހިވެ، ކޮންމެ ދާއިރާއަކުންވެސް ޕްރޮފެޝަނަލް މިންގަނޑުތަކާ އެއްގޮތަށް ކުޅިވަރު ކުރިއަރުވާ ތަރައްޤީ ކުރުމުގައި މިއަދު އަޅުގަނޑުމެން ކުރިއަށް މި އަޅަނީ ވަރަށް ތާރީޚީ އަދި ވަރަށް މުހިންމު ފިޔަވަޅެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ޤާނޫނަށް ގެނެވުނު އިޞްލާޙުތަކާއެކު ޤާއިމުކުރެވޭ ޤައުމީ ކުޅިވަރު ފަންޑުގެ އެހީގައި، ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ކުރެވޭ ޚަރަދު ދެމެހެއްޓެނިވި ގޮތެއްގައި އިތުރުވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް ގެނައި އިޞްލާޙުގެ ސަބަބުން ދެފުށްފެންނަ މިންވަރު އިތުރުކުރެވި، ހިންގުން ހަރުދަނާކުރެވި، ގުޑްގަވަރނަސްގެ އުސޫލުން ކަންކަން ކުރެވޭނެ ފިޔަވަޅުތަކެއް ފަހިވެ، ކަށަވަރުކުރެވިގެންދާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ކުޅިވަރު ކުރިއެރުވުމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދޭ މޮޅު ކުޅުންތެރީންނަށާއި އެތުލީޓުންނަށް، ޤައުމީ ފެންވަރުގައި އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަށްދިއުމާއި، ހުނަރު ތަރައްޤީކުރުމުގެ ފުރުޞަތު މި ބަދަލާއެކު އަދަށް ވުރެ ފަހިވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިއަދު މި ތަސްދީޤުކުރެއްވި ބިލުގެ ސަބަބުން، ކުޅިވަރުގެ ދާއިރާއަށް އަންނާނެ އެންމެ ހެޔޮ ބަދަލަކީ، ކުޅިވަރު ކުރިއެރުވުން ލާމަރުކަޒީވުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.