ރާއްޖޭގެ ޞިއްޙީ ނިޒާމު ކުރިއެރުވުމަށް ޞިއްޙީ ވުޒާރާއާއި، ތައިލެންޑުގެ ޞިއްޙަތާ ބެހޭ ވުޒާރާއާއި ދެމެދު އެއްބަސްވުމެއް އެކުލަވާލައިފިއެވެ. މިއެއްބަސްވުން އެކުލަވާލާފައިވަނީ، މިހާރު ސްވިޓްޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ ދުނިޔޭގެ ޞިއްޙަތާ ބެހޭ 78 ވަނަ ސަމިޓުގެ ހަވާސާގައެވެ.
ދުނިޔޭގެ ޞިއްޙަތާ ބެހޭ އެންމެ ބޮޑު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޛިމް އިބްރާހީމް ސްވިޓްޒަލޭންޑްގެ ޖެނީވާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި ތައިލެންޑުގެ ޞިއްޙަތާ ބެހޭ ވުޒާރާއާއި ދެމެދު އެއްބަސްވުމެއްވަނީ އެކުލަވާލާފައެވެ.
ރާއްޖޭގެ ޞިއްޙީ ނިޒާމު ކުރިއެރުވުމަށް އެކުލަވާލެވުނު މިއެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޕްރައިމަރީ ހެލްތުކެއަރގެ ޚިދުމަތް ހަރުދަނާކޮށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ރެގިއުލޭޓަރީ ޚިދުމަތް ހަރުދަނާކުރުމާއި، ޞިއްޙީ ނިޒާމުގެ އިންސާނީ ވަޞީލަތް ހަރުދަނާކުރުމާއި، ޞިއްޙަތާ ބެހޭ ސިޔާސަތުތައް އެކުލަވާލުމާއި، ޞިއްޙީ ނިޒާމާއި ގުޅޭ ދިރާސާތައްކުރުމާއި، ޞިއްޙީ ނިޒާމު ޒަމާނާ އެއްގޮތަށް ތަރައްޤީކުރުމަށް، ހެލްތު އިންފޮރމޭޝަން އެންޑް ޓެކްނޮލޮޖީގެ ދާއިރާ ހަރުދަނާކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
Ministry of Health has signed an MoU with Thailand’s Ministry of Public Health to strengthen cooperation in public health. The signing took place during the 78th World Health Assembly in Geneva. #WHA78 #Maldives #Thailand pic.twitter.com/4GnnGDqlCN
— Ministry of Health (@MoHmv) May 20, 2025
ހަމައެއާއެކު ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ދެމެހެއްޓެނިވިގޮތެއްގައި ހޯދުމަށް މަސައްކަތްކުރުމަށްވެސް މިއެއްބަސްވުމުގެ ދަށުން ދެޤައުމުން މަސައްކަތްކުރާނެއެވެ.
މިއެއްބަސްވުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޛިމް އިބްރާހީމް ވިދާޅުވީ، ތައިލެންޑަކީ ސަރަޙައްދީ ފެންވަރުގައި ޞިއްޙީ ގޮތުން ގިނަ ކުރިއެރުން ހޯދާފައިވާ ޤައުމެއްކަމަށެވެ. އެހެންކަމުން ރާއްޖެ ފަދަ ޤައުމަކަށް ތައިލެންޑުން ޞިއްޙީ ނިޒާމުގެ ކުރިއެރުވުމަށް އެހީތެރިކަން ހޯދިދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ތައިލެންޑަކީ މިރީޖަންގައި ޞިއްޙީ ގޮތުން ބޮޑެތި ކުރިއެރުން ހޯދާފައިވާ ޤައުމެއް. އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް އެޤައުމެއްގެ އެހީ ހޯދިދާނެ ފަދަ ޤައުމެއް. 3 އަހަރުގެ މިއެމްއޯޔޫގެ ދަށުން އެންމެ ބޮޑު އިސްކަމެއްދޭނީ ރާއްޖޭގެ ޕްރައިމަރީ ހެލްތުކެއަރ ވަރުގަދަކުރުން." ވަޒީރު ވިދާޅުވިއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲ އެވެ. އަދި، ތައިލެންޑް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް ހެލްތު ޑޭޝް-އިސް ކައުތޯންގއެވެ.