ދިވެހިންގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު 2025ގެ މެއިން ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް ހަމަޖައްސައިފިއެވެ.
އުފެއްދުންތެރިކަމުގެ މައުރަޒަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބާއްވާ މައުރަޒެކެވެ. އިޤްތިޞާދީ ވުޒާރާގެ އިރުޝާދާއެކު ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީންނެވެ.
ދިވެހިންގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގެ މެއިން ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖެއްސުމަށް
ސްޕޮންސަރޝިޕް އެއްބަސްވުމާ ގާއިމްކުރުމުގެ ހަފްލާއެއް ބޭންކުގައިވަނީ ބާއްވާފައެވެ. މި ހަފްލާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހުސައިން ޒަމީރާއި ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޒިޔާއު ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހިންގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު ވެގެންދާނީ އެކި ދާއިރާތަކާއި ހުނަރުވެރިން އެއް ފުރާޅެއްގެ ދަށުގައި އެއްބައިވަންތަކޮށް ބާއްވާ އެންމެ ބޮޑު އެއް ހަރަކާތަށެވެ. އެހެންކަމުން މިމަޢުރަޒުގެ މެއިން ސްޕޮންސަރެއްގެ ހައިސިއްޔަތުން މިފަދަ އިވެންޓެއްގައި ބައިވެރިވުމަކީ ގައުމީ ހުނަރު ކުރިއެރުވުމަށާއި ދިވެހި ވިޔަފާރިވެރިންނާއި އުފެއްދުންތެރި ސިނާއަތްތައް ބާރުވެރިކުރުވުމަށް ބޭންކުން ދޭ އަހައްމިއްޔަތުކަމުގެ ހެއްކެކެވެ.
މިމަޢުރަޒް އޮންނާނީ މިމަހުގެ 23 އިން 31ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އެގޮތުން މިމައުރަޒްގައި އެކި ބާވަތުގެ މުދާ ވިއްކުމަށް ޚާއްސަ މާކެޓް ޕްލޭސްއަކާއި، އިނޮވޭޓިވް ޓެކްނޮލޮޖީ ޑިސްޓްރިކްޓަކާއި، މުނިފޫހިފިލުވުމަށް ޚާއްސަ ސަރަޙައްދަކާއި، މައުރަޒުގެ އުފެއްދުންތަކަށް ޚާއްސަ ސަރަޙައްދެއް ހުންނާނެއެވެ.