ޚަބަރު

ރާއްޖޭގައި ލިވަޕޫލް ފުޓްބޯޅަ އެކަޑަމީ ލޯންޗުކުރުމަށް ވަޒީރާއެކު މަޝްވަރާކޮށްފި


ލިވަޕޫލް ފުޓްބޯލް އެކަޑަމީގެ ނަމުގައި ރާއްޖޭގައި އެކަޑަމީއެއް ލޯންޗުކުރުމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބުދުﷲ ރާފިއުއާއިއެކު ލިވަޕޫލުން މަޝްވަރާކޮށްފިއެވެ.

މިކަމާއި ގުޅޭ މަޝްވަރާތައް ކުރިޔަށް ގެންދިޔައީ ލިވަޕޫލް އެފްސީގެ ރަސްމީ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރގެ ގޮތުގައި ރާއްޖެ ހަމަޖައްސާވުމާއެކު ކުރިޔަށް ގެންދާ މާކެޓިން ކެމްޕޭނުގެ ދަށުން މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އެ ކުލަބުގެ ޕާޓްނަޝިޕްސް ޑެލިވަރީގެ ނައިބު ރައީސް ޑޭވިޑް ޕޯލް އާއި އެލްއެފްސީ އެކްސް ވިޒިޓް މޯލްޑިވްސް ޕާޓްނަޝިޕްގެ ގްލޯބަލް ޕާޓްނަޝިޕް ސޭލްސްގެ ޑިރެކްޓަރު އެލެކްސް ފްރޭސަރ އާއި އެމްއެމްޕީއާރްސީގެ އިސްވެރިން ކުޅިވަރު ވަޒީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.

މި ބައްދަލުވުމުގައި ވަނީ ރާއްޖޭގައި ލިވަޕޫލްގެ އެހީތެރިކަމާއެކު ފުޓްބޯޅައިގެ ދާއިރާއިން ގުޅިގެން ކުރެވިދާނެ އިތުރު ކަންކަމާއި ގުޅޭ މަޝްވަރާތައްވެސް ކުރިޔަށް ގެންގޮސްފައެވެ. ރާއްޖެއާއި ލިވަޕޫލް އެފްސީއާއެކު ވެފައިވާ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އެތުލީޓުންނަށް ލިވަޕޫލް އެފްސީގެ ކޯޗުންގެ އިރުޝާދާއެކު ފެންވަރު މަތިކުރުމަށް ތަމްރީނު ފުރުސަތުތައް ހޯދުމާއި ރާއްޖެއާއި އިނގިރޭސިވިލާތުގައިވެސް އެތުލީޓުން ޓްރެއިން ކުރުމަށް ފުރުސަތުތައް ފަހިވެގެންދާނެއެވެ.

ރާއްޖޭގައި ލިވަޕޫލްގެ އެކަޑަމީއެއް ގާއިމުކޮށް، ސްޕޯޓްސް ޓޫރިޒަމް ހަރުދަނާ ކުރުމާއި ޑެސްޓިނޭޝަން ބްރޭޑިންގ އިތުރުކުރުން ފަދަ ހަރަކާތްތައް ވެސް މި ކެމްޕޭންގެ ދަށުން ކުރިޔަށްގެންދާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.

ވަޒީރާއެކު ލިވަޕޫލުގެ އޮފިޝަލުން ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމްއެމްފީއާރްސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީ އާއި އެމްއެމްޕީއާރްސީގެ ޗެއާމަން އަބުދުﷲ ގިޔާސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖެ އާއި ލިވަޕޫލް އެފްސީ އާއި ދެމެދު ވެފައިވާ ތާރީހީ އެއްބަސްވުމާއި އެކު ރާއްޖެ ލިވަޕޫލްގެ ކުޅުންތެރިންނާ އޮފިޝަލުން ހިމެނޭހެން އެ ކުލަބުން ރާއްޖެ އިޝްތިހާރުކުރުމުގެ ބޮޑު ކެމްޕޭނެއް ފަށާފައިވާއިރު މި ކެމްޕޭން އިފްތިތާހް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމަށް ކުރެއްވި ޒިޔާރަތެއްގައި 3 އޭފްރީލް 2025 ގައެވެ.

ލިވަޕޫލް ގެ "އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު" ގެ ގޮތުގައި ރާއްޖެ ހަމަޖެއްސީ ރާއްޖޭގެ ޓޫރިޒަމް ބްރޭންޑް ވާސިލުވާ މިންވަރު އިތުރުކޮށް، ރާއްޖެއަށް ޒިޔާރަތްކުރުމަށް އިތުރު ފަތުރުވެރިންނަށް ހިތްވަރުދިނުމުގެ ގޮތުން، ތިން އަހަރާއި ހަ މަސް ދުވަހަށް ކުރިއަށްގެންދާ ކެމްޕޭނެއްގެ ދަށުންނެވެ.