ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ "ޕީޖީއޯ 2.0" ގެ ތެރެއިން އާޓިފިޝަލް އިންޓެލިޖަންސް، އޭއައި ބޭނުންކުރަން ފެށިނަމަވެސް މައްސަލަތަކުގައި ދައުވާ ކުރުމާ ގުޅޭ ނިންމުންތައް ނިންމާނީ ޕްރޮސިކިއުޓަރުން އަމިއްލައަށް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.
ޕީޖީ މިހެން ވިދާޅުވީ ޕީޖީ އޮފީހުގެ ޑިޖިޓަލައިޒޭޝަން މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ، ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަކީ ރާއްޖޭގައި ކުރެވޭ ޖިނާޢީ ދަޢުވާތަކާ ބެހޭ ހުރިހާ ކަމެއް ބަލަހައްޓާ ތަނަށްވާއިރު އެ އޮފީހުން އޭއައި ބޭނުންކުރަން ފެށުމުން އެކި މައްސަލަތަކުގައި ގޮތް ނިންމުމުގެ ބާރު އޭއައިއަށް ލިބޭނެކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. މި ކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢައްބާސް ޝަރީފް ވިދާޅުވީ އެ އޮފީހުން އޭއައި ބޭނުންކުރާނީ ޕްރޮސިކިއުޓަރުންގެ މަސައްކަތުގައި އެހީތެރިވާނެ އެސިސްޓެންޓެއްގެ ގޮތުގައި ކަމަށެވެ.
ޕީޖީ ވިދާޅުވީ މިހާރު އެކި ކަންކަމުގައި މައުލޫމާތު އަމިއްލައަށް ހޯދަން ޖެހުމަކީ އެކަމަށް ވަގުތު ހޭދަވާ ކަމެއް ކަމަށާއި ހުރިހާ މައުލޫމާތެއް ހޯދުމަކީވެސް އުނދަގޫ ކަމެއް ކަމަށެވެ. ނަމަވެސް އޭއައި އެސިސްޓެންޓެއް ބޭނުންކުރުމުގެ ސަބަބުން މިހާތަނަށް އެކި މައްސަލަތަކުގައި ލިބެން ހުރި މައުލޫމާތު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޕްރޮސިކިއުޓަރުންނަށް ލިބި، އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް ގޮތް ނިންމުމަށް ޕްރޮސިކިއުޓަރުންނަށް ފަސޭހަވާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އޭއައި ބޭނުންކުރަން ފެށީމަ މިއަންނަ ތަފާތަކީ އޭރުން އަންނަނީ އަޅުގަނޑުމެން 2008 އިން ފެށިގެން މިއަދާހަމައަށް ހުރި ހުރިހާ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް، އަޅުގަނޑަށް އަންނަ މައުލޫމާތު އަންނާނީ. އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް އަޅުގަނޑު ނަގާ ޑިޒިޝަނަކީވެސް އަދި ޕްރޮސިކިއުޓަރުން ނަގާ ޑިޒިޝަންތަކަކީވެސް މިހާރަށްވުރެ ރަނގަޅު، މިހާރަށްވުރެ އޭގެ ސަބަބުން އަދުލުއިންސާފު ގާއިމުކުރުމަށް ފަސޭހަވެގެންދާނެ ޑިޒިޝަންތަކަކަށްވެގެންދާނެ. އެހެންވީމަ ޑިޒިޝަން ނަގާނީ އަދިވެސް ޕްރޮސިކިއުޓަރުންނާއި ޕްރޮސިކިއުޓަރ ޖެނެރަލް،" ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވިއެވެ.
ޕީޖީ ވިދާޅުވީ އޭއައި ބޭނުންކުރަން ފެށުމުން ޕްރޮސިކިއުޓަރުންނާއި އެހެން މުވައްޒަފުންގެ ވަޒީފާތަކާ ގުޅޭގޮތުންވެސް ސުވާލު އުފައްދާ ކަމަށެވެ. ނަމަވެސް އޭއައި ބޭނުންކުރަން ފެށުމަކީ މުވައްޒަފުން މަދުކުރުމަށް ކުރައްވާ ކަމެއް ނޫން ކަމަށާއި އޭގެ ސަބަބުން ޕްރޮސިކިއުޓަރުންގެ މަސައްކަތުގެ ވަގުތު މަދުވެފައި މުވައްޒަފުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، 2028 ވަނަ އަހަރުގެ ޖުލައި މަހު "ޕީޖީއޯ 2.0" މަޝްރޫޢު އެއްކޮށް ނިމޭއިރު ޤާނޫނު ހުއްދަކުރާ އެންމެ މަތީ މިންވަރަށް ޑިޖިޓައިޒްވެފައިވާ އޮފީހަކަށް އެ އޮފީސް ވާނެ ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ. އަދި މި މަޝްރޫޢާއެކު އެ އޮފީހަށް ހުށަހަޅާ މައްސަލަތަކުގައި އާންމުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވައި، އާންމުންނާއި ޝަރުޢީ ދާއިރާގެ ފަރާތްތަކަށް ފަސޭހައިން ޚިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖެހޭނެ ކަމަށްވެސް ޕްރޮސެކިއުޓަރ ޖެނެރަލް ވިދާޅުވިއެވެ.