ކުޅިވަރު

އާދައިގެ ގޮތަކަށް ތައްޔާރުވެގެން ސެމީ ފައިނަލް ކާމިޔާބެއް ނުކުރެވޭނެ!


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ ލީގު ކަޕް 2025 ގެ ސެމީ ފައިނަލްގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުންނަ މެޗަށް ވަރަށް ބޮޑަށް ފޯކަސްކުރާނެ ކަމަށް އޮޑި ސްޕޯޓްސް ކުލަބުގެ އެސިސްޓަންޓް ކޯޗު ފަރުހާދު އިސްމާޢީލް (ފަރޭ) ބުނެފިއެވެ.

ލީގުބުރުގެ ފަހު މެޗުގައި ބުދަ ދުވަހު ރާއްޖޭގެ ޗެމްޕިއަން މާޒިޔާ މޮޅުވިޔަ ނުދީ ހިފަހައްޓާލި މެޗަށްފަހު އޮޑީގެ އެސިސްޓަންޓް ކޯޗު "ޕީއެސްއެމް ނިއުސް" އަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ބުނީ ނިއު ރޭޑިއަންޓަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި، އާދައިގެ ގޮތަކަށް ތައްޔާރުވެގެން އެ މެޗު އޮޑިއަށް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.

"އެމެޗަށް އަޅުގަނޑުމެއް ތައްޔާރުވާނަން ހަނގުރާމައަކަށް ތައްޔާރުވާވަރަށް. ވަރަށް ބޮޑަށް ތަށި ބޭނުންވާތީ އެއަށް ފޯކަސް ކުރާނަން. ނިއުރޭޑިއަންޓަކީވެސް ވަރަށް ވަރުގަދަ ޓީމެއް. މުބާރާތުގައި ހަމަ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަނީ. އެހެންވީމަ ނިއުރޭޑިއަންޓާއި އެކުގައި ކުޅޭއިރު އާދައިގެ ގޮތަކަށް ތައްޔާރުވެގެނެއް މި މެޗު ވިން އެއް ނުކުރެވޭނެ" ފަރޭ ބުންޏެވެ.

ދެވަނަ ޑިވިޝަނުގައި އޮތް ނިއުރޭޑިއަންޓްއަތުން އޮޑި ބަލިވީ މެއި 18 ވަނަ ދުވަހުގެރޭ ކުޅުނު މެޗުގައި 2-0 ގެ ނަތީޖާއަކުންނެވެ. އެމެޗަށްފަހު އޮޑިން ވަނީ ކުރިޔަށް ހުރި މެޗުތަކަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެގޮތުން ކުޅުންތެރިންނާ ކޯޗިން ސްޓާފުން ވަރަށް ބޮޑަށް މަޝްވަރާކޮށް ކުޅުންތެރިންގެ ކުޅުމުގެ ވައްޓަފާޅިއަށް މާޒިޔާ މެޗުގައިވަނީ ބަދަލުތަކެއް ގެނެސްފައެވެ.

ލީގުބުރުގެ ފަހު މެޗުގައި އޮޑިން ފުރަތަމަ ހާފުގައި މެޗުގެ 22 ވަނަ މިނިޓްގައި ލީޑުނަގާފައިވަކޮށް ދެވަނަ ހާފުގެ އިތުރު ވަގުތުގައި މާޒިޔާއއިން އޮޑިއާއި އެއްވަރުކުރީ ލިބުނު ޕެނަލްޓީއަކުން 1-1 ގެ ނަތީޖާއަކުންނެވެ. އޮޑިން ވަރުގަދަ މާޒިޔަ ހިފަހައްޓާލި މި މެޗަށްފަހު އެސިސްޓަންޓް ކޯޗު ފަރޭ ބުނީ ހުރިހާ ކުޅުންތެރިންގެ ކުޅުމާމެދުވެސް ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް އެންމެފަހުން ޕްރޮމޯޓްވި އޮޑި ސްޕޯޓްސް ކުލަބަށް ލީގު ކަޕަކީ ވަރަށް މުހިންމު މުބާރާތެކެވެ. އަދި މާޒިޔާ އާއެކު ކުޅުނު މެޗަކީ ކުރިޔަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމާއިއެކު ރާއްޖޭގެ މަތީފަންތީގެ ކުލަބުތަކާއި އެއް ލެވެލަކަށް އޮޑި ގެންދިއުމަށް ވަރަށް ރަނގަޅު ތަޖްރިބާއެކެވެ. އޮޑި ސްޕޯޓްސް ކުލަބުން ނިއުރޭޑިއަންޓް އަތުން ބަލިވި މެޗަށްފަހު ހުރިހާ ފޯކަސްއެއް ހުރީ ދެން ކުޅެންޖެހޭ ހުރިހާ މެޗަކުން މޮޅުވެ ލީގު ކަޕްގެ ފައިނަލްގެ ޖާގައެއް ކަށަވަރުކުރުމަށެވެ.

ސެމީ ފައިނަލް މެޗުތައް ކުޅުމަސް ހަމަޖެހިފައިވަނީ މިމަހުގެ 25 ގައެވެ. އަދި ފައިނަލް މެޗު އޮންނާނީ މިމަހުގެ 28 ގައެވެ. އާންމުންނަށް ވަދެވޭ ގޮތަށް ގަލޮޅު ދަނޑުގައި ކުރިޔަށް ގެންދާ މި މުބާރާތަކީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނުފެށި ދިގުލައިގެންދާތީ ކުލަބުތަކަށް ވާދަވެރި މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކުޅިވަރު ވުޒާރާގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކު އެމްއޭއެމް އިން ބާއްވާ މުބާރާތެކެވެ.