ށ. ގޮއިދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފަށައިފިއެވެ.
ގޮއިދޫގައި އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވީ އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި ބޭންކުގެ އިސްވެރިންނާއި އެރަށު ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ގޮއިދޫގައި އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވުމުގެގޮތުން ވަޒީރު އާދަމް ޝަރީފް ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ބީއެމްއެލްގެ ފަރާތުން ގޮއިދޫ ކައުންސިލަށް ހަނދާނީ ފިލައެއްވެސްވަނީ އަރުއްވާފައެވެ.
އޭޓީއެމްގެ ޚިދުމަތް ފެށުމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ފައިސާ ނެގުމުގައި ދިމާވާ ދަތިތައްފަދަ ރައްޔިތުން އުފުލަންޖެހޭ އެކިއެކި ތަކުލީފުތަކަށް ލުއި ހޯދައިދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަސްކަމާއެކު ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންނަށް ބޭނުންވާ މުހިންމު ޚިދުމަތްތައް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވާ އަހަންމިއްޔަތުކަން ފާހަގަކޮށް ޝުކުރުއަދާކުރެއްވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ ފައިސާ ނެގުމާއި ޖަމާކުރުމާއި ލޯނަށް ފައިސާ ދެއްކުންފަދަ މުހިންމު ޚިދުމަތްތައް އޭޓީއެމާއެކު 24 ގަޑިއިރު ލިބޭނެ ކަމަށެވެ. އޭޓީއެމް ޤާއިމުކުރުމުގެ އިތުރުން ދެވޭ ޚިދުމަތްތައް ފުރިހަމަކުރުމަށް ކުރަމުންދާ ބައެއް ކަންކަން ސީއީއޯ ފާހަގަކުރެއްވިއެވެ. އެ ގޮތުން ރަހުނަކާ ނުލަައި ގެސްޓްހައުސް އެޅުމަށް ލޯން ދޫކުރަން މިހާރު ފަށާފައިވާކަން ސީއީއޯ ފާހަގަކުރެއްވިއެވެ.
ގޮއިދޫގައި ޤާއިމުކޮށްފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމެކެވެ. ށ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށުމުގެ ގޮތުން މި ބުރުގައި 10 ރަށެއްގައި ޚިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިއާއެކު އެ އަތޮޅުގެ ހުރިހާ ރަށެއްގައި މި ޚިދުމަތް ޤާއިމުކުރެވޭނެއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އާއި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢުގެ ތެރެއިން މިހާތަނަށް ހއ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ކ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދޭން ވަނީ ފަށާފައެވެ.
ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ މިއަހަރުގެ ތެރޭގައި 100 އަށް ވުރެ ގިނަ ރަށްރަށުގައި އޭޓީއެމްގެ ޚިދުމަތް ފެށުމެވެ.