މިއަދަކީ މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ކައިވެނި ކޮށްދެވޭ ދުވަސް ކަމަށް ފެމިލީ ކޯޓުން ވިދާޅުވެއްޖެއެވެ. 25-05-25 އަކީ މިއަހަރުގެ ތެރޭގައި އަންނާނެ އެންމެ ރީތި އެއް ތާރީޚެވެ.
ފެމިލީ ކޯޓުން ވިދާޅުވީ މިއަދުގެ މިރީތި ތާރީޚުގައި މާލޭގައި އެކަނިވެސް ޖުމްލަ 59 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ރަސްމީގަޑީގައި 23 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާއިރު، ނުރަސްމީގަޑީގައި 36 ކައިވެނި ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ފެމިލީ ކޯޓުން ވިދާޅުވީ މިއަދަކީ މިއަހަރުގެ މިހާތަނަށް އެކޯޓުގައި އެއް ދުވަހެއް ތެރޭ އެންމެ ގިނަ ކައިވެނި ކޮށްދެވޭ ދުވަސް ކަމަށެވެ. އެހެންކަމުން ކޯޓުން ދާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކޯޓުގެ ބޭރުގައި ހިޔާވާނެ ގޮތަށް ޓެންޓާއި، ގޮނޑިތައް ވެސް ފެމިލީ ކޯޓުންވަނީ ޖަހާފައެވެ.
މިއަދު 59 ކައިވެނި ކޮށްދިނުމަށް ތާވާލު ކޮށްފައިވާއިރު، ވަރީގެ 22 މައްސަލައެއް ވެސް މިއަދަށް ތާވަލުކޮށްފައިވާ ކަމަށް ފެމިލީ ކޯޓުން ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެވެސް ރީތި ތާރީޚުތަކުގައި ކައިވެނި ކުރާ އަދަދު ގިނަކަން ފާހަގަ ކުރެވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ރީތި ތާރީޚްކަމަށްވާ 24-12-24 ގައިވެސްވަނީ 52 ކައިވެނިކޮށްފައެވެ.