ޚަބަރު

މަތީފަންތީގެ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު އިންޑިއާއަށް


  • މި ބައްދަލުވުން އޮންނަނީ މިމަހުގެ 26 ވަނަ ދުވަހު

  • މި ބައްދަލުވުމުގައި ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެވޭނެ

އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަތީފަންތީގެ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

ޚާރިޖީ ވަޒީރުގެ މިދަތުރުފުޅަކީ ދެދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ. މިދަތުރުފުޅުގެ ތެރެއިން މިމަހުގެ 26 ވަނަ ދުވަހު އޮންނަ މަތީ ފަންތީގެ މަޝްވަރާ ބައްދަލުވުމުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ޚާރިޖީ ވަޒީރުގެ މިދަތުރުފުޅުގެ ތެރެއިން އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާރޒް ޑޮކްޓަރ އެސް. ޖައިޝަންކަރާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ގުޅުން ބަދަހިކޮށް ދެ ޤައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ބާއްވާ މަތީ ފަންތީގެ މަޝްވަރާ ބައްދަލުވުންތަކަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވެވި ބައްދަލުވުމަށްފަހު އެކުލަވާލެވުނު ތަސައްވަރު، "އަ ވިޝަން ފޮރ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާރޓްނަރޝިޕް" ގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމަށް ބާއްވާ ބައްދަލުވުންތަކެކެވެ.

މިބައްދަލުވުންތަކުގައި އިޤްތިޞާދީ، ޞިއްޙީ، ޑިޖިޓަލް ފައިނޭންސިން އަދި މެރިޓައިމް ސެކިއުރިޓީ ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާތައް ކުރިއަށް ގެންދެވޭނެ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއާއި އަދި އިންޑިއާގެ ބޮޑުވަޒީރުގެ އިސްނެންގެވުމުގެ މަތިން އެކުލަވާލެވުނު ސަރުކާރުގެ މަތީ ފަންތީގެ ފަރާތްތައް ހިމެނޭ ކޯ ގުރޫޕްގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ މިއަހަރުގެ ޖަނަވަރީގެ މަހުގެ 29 ވަނަ ދުވަހުއެވެ.

ޚާރިޖީ ވަޒީރު ޑރ. ޚަލީލުގެ މިދަތުރުފުޅުގައި އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޚާރިޖީ ވުޒާރާއާއި، ދިފާޢީ ވުޒާރާ، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރީއާ ބެހޭ ވުޒާރާ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.