ކުޅިވަރު

ރެއާލްގެ ކޯޗު އަލޮންސޯ ތައާރަފުކުރުން މިއަދު


ސްޕެއިންގެ ރެއާލް މެޑްރިޑުގެ ކޯޗުކަމަށް ހަމަޖެއްސި ޒަބީ އަލޮންސޯ، އެ ކުލަބުގެ ސަޕޯޓަރުންނަށް ދައްކާލުން މިއަދު ބާއްވަން ނިންމައިފިއެވެ.

ރެއާލް މެޑްރިޑުން ނެރުނު ރަސްމީ ބަޔާނުގައި ވަނީ މިއަދުން ފެށިގެން ކުރިއަށް ތިން އަހަރަށް އެކުލަބުގެ ކޯޗަކަށް ހަމަޖެއްސި އަލޮންސޯގެ ތައާރަފް ކުރުމުގެ ރަސްމިއްޔާތު ވަރަށް ކުލަގަދަވާނެ ކަމަށެވެ. މި ރަސްމިއްޔާތުގައި ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާއި އެ ކުލަބުގެ ކުރީގެ ބައެއް ތަރިން ވެސް ބައިވެރިވާނެ އެވެ. ރަސްމިއްޔާތު އޮންނާނީ ސަޕޯޓަރުންނާއެކު ރެއާލްގެ ދަނޑު ސެންތިއާގޯ ބާނަބައުގަ އެވެ.

އަލޮންސޯ އަކީ ރެއާލް މެޑްރިޑަށް 158 މެޗު ކުޅެދީ ހަތަރު ގޯލު ޖަހައިދީފައިވާ މިޑްފީލްޑަރެކެވެ. އޭނާ ރެއާލް އަށް ކުޅުނީ 2009 އިން 2014 ވަނަ އަހަރަށެވެ. އޭގެ ކުރިން ރެއާލް ސޮސިއެޑާޑް އާއި ލިވަޕޫލް އަދި ފަހުން ޖަރުމަނުގެ ބަޔާން މިއުނިކަށް ވެސް ކުޅުނު ކުޅުންތެރިޔާ ކޯޗިން ކެރިއަރު ފެށީ 2019 ވަނަ އަހަރު ރެއާލް ސޮސިއެޑާޑްގެ ބީ ޓީމުންނެވެ. އޭގެ ފަހުން އޭނާ ވިދާލީ ޖަރުމަނުގެ ބަޔާ ލެވަކޫސެން އަށް މިދިޔަ ދެ ސީޒަނުގައި ކޯޗުކޮށްދީގެންނެވެ. މި ގޮތުން އޭނާ ވަނީ ހުސްވި އަހަރުގެ ސީޒަނުގެ ޗެމްޕިއަންކަން ލެވަކޫސެން އަށް ހޯދައިދީފަ އެވެ.

އަލޮންސޯ އަށް ރެއާލްގެ ކޯޗުކަން ދިނީ ރޭ ނިމުނު ސީޒަނުގައި ތައްޓެއް ނުލިބުމުންނެވެ. އަލޮންސޯގެ ކުރިން ކޯޗުކަމުގައި ހުރީ ރެއާލްގެ އެންމެ ކާމިޔާބު ކޯޗު އިޓަލީގެ ކާލޯ އަންޗެލޯޓީ އެވެ.

ރެއާލްގެ ކޯޗުގެ ގޮތުގައި އަލޮންސީގެ ފުރަތަމަ މުބާރާތަކަށް ވާނީ އަންނަ މަހު ފަށާ ކުލަބު ވޯލްޑްކަޕެވެ. މި މުބާރާތަށް ތައްޔާރުވުމަށް އޭނާ ބޭނުންވާ ކުޅުންތެރިން ގެނައުމުގެ މަސައްކަތް ރެއާލް މިހާރު ވެސް ވަނީ ފަށައިފަ އެވެ.