މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީގައި ފަތާ ސަރަހައްދެއް ތަރައްޤީކުރަން އެރަށު ކައުންސިލުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން އޭދަފުށީގެ ދެކުނު ފަރާތުގައި މޫދަށް އެރުމަށް ވަކި ޚާއްޞަ ސަރަހައްދެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފަތާ ސަރަހައްދު ތަރައްޤީކުރުމަށްޓަކައި އެރަށު ފަޅުތެރެއިން 15,914 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއ،ި 160 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 60 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮއްޓެއް ޖެހުމުގެ އިތުުރުން 70 މީޓަރުގެ ގްރޮއިން ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އޭދަފުށީގައި ފަތާ ސަރަހައްދެއް ތަރައްޤީކުރުމަށް އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. އޭދަފުށި ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް، މުޙައްމަދު ފާތިޙްއެވެ.
މިރަސްމިއްޔާތުގައި އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު، އަޙްމަދު ސަލީމުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ބިމުގެ ބޮޑުމިނުގައި 57 ހެކްޓަރު ހުންނަ އޭދަފުއްޓަކީ ބ. އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. އަދި އެރަށަކީ ބ. އަތޮޅުގެ އެންމެ ބޮޑު އެއް އާބާދީއެއް އޮންނަ އޭދަފުށީގައި 3500އަށްވުރެ ބޮޑު އާބާދީއެއް އަންނަނީ ދިރިއުޅެމުންނެވެ.
މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން، އޭދަފުށީ ކައުންސިލް ރައީސް މުޙައްމަދު ފާތިޙް ވިދާޅުވީ، އެރަށުގައި ބޮޑު އާބާދީއެއް ދިރިއުޅެމުންދާއިރު، މޫދަށް އެރެން ވަކި ސަރަހައްދެއް ކަނޑައެޅިފައި ނުވުމަކީ އެރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެއްކަމަށެވެ.
މިމަޝްރޫއުގެ ދަށުން އޭދަފުށީގައި ފަތާ ސަރަހައްދު ތަރައްޤީވެގެންދިއުމާއެކު، އެ ރަށުގެ ކުދިބޮޑު އެންމެންނަށް އިޖުތިމާޢީ ގޮތުން ގިނަ ފައިދާތަކެއް ކުރާނެކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
އޭދަފުށީގެ ރައްޔިތުން މިހާރު މޫދަށް އެރެން ބޭނުންކުރަނީ ރަށުގެ އުތުރުފަރާތު ޕާކު ކުރިމަތީގައި ހުންނަ ސަރަހައްދެވެ.
އޭދަފުށީގައި ފަތާ ސަރަހައްދެއް ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 4.63 މިލިއަން ރުފިޔާއަށް 150 ދުވަސްތެރޭ ނިންމާގޮތަށެވެ.