ޚަބަރު

ބަލިވީ ގޯސްތަކެއް ހެދިގެން، އޮޑި ސްޕޯޓްސްގެ އަސްލު ކުޅުމެއް ނުދެއްކުނު: ފަރޭ


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށްގެންދިޔަ ލީގު ކަޕް 2025 ގެ ފައިނަލް މެޗުގައި އޮޑި ސްޕޯޓްސް ކުލަބަށް އަސްލު ކުޅުން ނުދެއްކުނު ކަމަށާއި، ގިނަ ގޯސްތަކެއް ހެދުނު ކަމަށް އެ ޓީމުގެ އެސިސްޓަންޓް ކޯޗު ފަރުހާދު އިސްމާޢީލް (ފަރޭ) ބުނެފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު ލީގު ކަޕުގެ ފައިނަލް މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ވަނީ 4-0 ގެ ނަތީޖާއަކުން އޮޑި ސްޕޯޓްސް ބަލިކޮށް، ތައްޓަށް އޮޑިން ކުރަމުން އައި އުއްމީދު ގެއްލުވާލާފައެވެ.

ފައިނަލް މެޗަށް ފަހު އޮޑި ސްޕޯޓްސް ކުލަބުގެ އެސިސްޓަންޓް ކޯޗު ފަރޭ ބުނީ 4-0 އިން މެޗު ނިންމާލުމުގެ ބަދަލުގައި އެޓީމުގެ އަސްލު ކުޅުން ދެއްކުނު ނަމަ ސްކޯގެ ފަރަގު ކުޑަކުރެވުނީސް ކަމަށެވެ.

އަދި ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވީ ފަހުން އޮޑިން ކުޅުނު ފުރަތަމަ މުބާރާތާއި ބަލާފައި ކުޅުންތެރިން ކުރި ހިތްވަރާއި މެދު އުފާވާ ކަމަށާއި، ފައިނަލާއި ހަމައަށް އާދެވުމަކީވެސް ހިތްހަމަޖެހުމެއް ކަމަށް އޭނާ ފާހަގަ ކުރިއެވެ.

އެހެންނަމަވެސް ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ތިބި މާޒިޔާ ފަދަ ވަރުގަދަ ޓީމަކާއި ވާދަކުރުމަކީ ފަސޭހަކަމެއް ނޫންކަމަށާއި، ފައިނަލްގައި ބަލިވީ އޮޑިއަށް ގިނަ ގޯސްތަކެއް ހެދިގެން ކަމަށް ގަބޫލުކުރާކަމަށްވެސް އޭނާ ބުންޏެވެ.

ރޭގެ މެޗަކީ ލީގަށް ތައްޔާރުވުމަށް އޮޑިއަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށާއި، ޖުމްލަކޮށް ބަލާއިރު މުޅި މުބާރާތުގައިވެސް އޮޑިން ވާނީ ތަފާތު ދައްކާފަކަމަށް ފަރޭ ގަބޫލުކުރެއެވެ. އަދި ކުރިޔަށް އޮތް ފުޓްބޯޅަ ސީޒަނަށް އޮޑި މިހާރަށްވުރެ ވަރުގަދަ ކުރާނެ ކަމަށާއި، ދެން އޮޑި ނިކުންނާނީ ފުރަތަމަ ޑިވިޝަނުގެ މުބާރާތެއްގައި ރަނގަޅު ކާމިޔާބީއެއް ހޯދުމަށް ކަމަށް ކޯޗު ބުންޏެވެ.

މި މުބާރާތަށް ނިކުތްއިރު އޮޑިއަށް ކޯޗު ކޮށްދެމުން އައިސް އޮސްޓްރޭލިއާގެ ތަޖުރިބާކާރު ކޯޗު އިއަން އެންޑްރޫ ގިލަން އާއިލީ ކަމެއްގައި ރާއްޖެ ދޫކޮށް ދިޔައިރު ޓީމު ބައްޓަންކޮށްފައި އޮތް ގޮތާއި ފަރޭ އާއި ހަވާލުވިފަހުން ޓީމު ބައްޓަން ކުރަން ޖެހުނު ގޮތްވެސް ތަފާތުކަމަށް ފާހަގަ ކުރަމުން ފަރޭ ބުނީ ކޯޗު ފުރައިގެން ދިއުމުގެ ސަބަބުން ކޮންމެވެސް އަސަރުތަކެއް މި މުބާރާތަށް ކުރިކަމަށެވެ.

އޮޑިން ވަނީ މިމުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. ފައިނަލާ ހަމައަށް އޮޑި ދަތުރު ސެމީފައިނަލްގައި ދޭއް އެކަކުން ނިއުރޭޑިއަންޓާއި ބަލިކުރުމަށްފަހު އެވެ. އޮޑި ސްޕޯޓްސް ކުލަބަކީ މިދިޔަ އަހަރު ބޭއްވި ދެވަނަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށް މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެފައިވާ ކުލަބެވެ. އޭރު އެޓީމު ކުޅުނީ މަސްއޮޑި ސްޕޯޓްސް ކުލަބުގެ ނަމުގައެވެ. ފަހުން ނަން ބަދަލުކޮށް ޓީމުގެ ސްކޮޑަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.