22 އަހަރު ފަހުން ސައުދީ އެރެބިޔާއިން ގަލްފް ކަޕްގެ ޗެމްޕިއަންކަން ހޯދައިފިއެވެ. މުބާރާތުގެ ޗެމްޕިއަންކަން ސައުދީ އެރެބިޔާ އިން ހޯދީ ސައުދީގެ ވެރިރަށް ޖިއްދާގެ ކިންގް އަބްދުالله ސްޕޯރޓްސް ސިޓީގައި ކުޅުނު ފައިނަލުގައި 2-0 ން ޔުނައިޓެޑް އަރަބި އެމިރޭޓްސް ބަލިކޮށްގެންނެވެ.
މެޗު ފަށައިގެން 11 ވަނަ މިނިޓްގައި ސައުދީ އެރެބިޔާއަށް ކުރި ހޯދައިދިނީ މުބާރާތުގެ މޮޅު ކުޅުންތެރިޔާ ހައްމާމް އަލް ހައްމާމީ އެވެ. އޭގެ ދެ މިނިޓް ފަހުން ދެވަނަ ލަނޑެއް ޖަހާ ލީޑް ފުޅާކޮށްދިނީ ފެރާސް އަލް-ބްރިކާން އެވެ. ސައުދީ އިން މެޗުގައި ތިންވަނަ ލަނޑެއް ޖެހުމާ ގާތަށްވެސް ދިޔައެވެ. ނަމަވެސް ސަލާހު އަބޫ-އަސްޝާމާތު ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިންނެވެ.
ސައުދީ އެރެބިޔާއަށް މިމުބާރާތް މިކާމިޔާބުކުރެވުނީ 2004 ވަނަ އަހަރުގެ ފަހުންނެވެ. މިއީ ގަލްފްކަޕްގެ 27 ވަނަ މުބާރާތެވެ. އަދި ސައުދީން މުބާރާތް ކާމިޔާބުކުރި 4 ވަނަ ފަހަރެވެ.
ފައިނަލު މެޗަށްފަހު ސައުދީ އެރެބިޔާގެ ކޯޗު ޔޯޖިއޮސް ދޯނީސް ބުނީ މިއީ އުނދަގޫތަކަކަށް ފަހު ހޯދުނު ކާމިޔާބީއެއް ކަމަށެވެ. ކާމިޔާބީގެ އަސްލަކީ ދަނޑު މަތީގައި ކުޅުންތެރިން ސަމާލުކަން ދީގެން, ޑިސިޕްލިންއާ އެކު މެކްސިމަމް ދިނުން ކަމަށެވެ.
"އަހަރެމެން އުނދަގޫ ހާލަތް މިބަދަލުކުރީ ޗެމްޕިއަންކަމަށް, މިއީ ވަރަށް މުހިއްމު ކާމިޔާބީއެއް. އަހަރެމެންނަކީ މިމުބާރާތުގެ އެންމެ މޮޅު ޓީމް. މި ކާމިޔާބީން އަހަރެމެންގެ ކުރިމަގަށް އިތުބާރު ލިބޭނެ. މިފެންވަރު އަހަރެމެން ދަމަހައްޓަން ޖެހޭ.ޔޯޖިއޮސް ދޯނީސް/ ކޯޗު
މުބާރާތުގައި ކޮޅަށް ގޯލަށް ނުވަދެ ތަށި ހޯދުމުގައި ކީޕަރު މުޙައްމަދު އަލް އުވައިސްގެ ދައުރު ބޮޑެވެ. ފައިނަލު މެޗުގައިވެސް އޭނާ ވަނީ ވަރަށް ރަނގަޅު ދެ ބޯޅައެއް މަތަކޮށްފައެވެ.
މިއީ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުން ކެޓުމުގެ ހިތްދަތި ކަމުން އަރައިގަތުމަށް ސައުދީ އެރެބިޔާއަށް ލިބުނު މުހިއްމު ކާމިޔާބީއެއް ކަމުގައި ޓީމުން ދެކެއެވެ. ކޯޗު ބުނީ ގޯސްތަކަކާއެކު ލިބުނު ނާކާމިޔާބީ އިން އަރައިގަތުމަށް އެމުބާރާތުގެ ގޯސް ތަޖުރިބާގެ ބޭނުން ހިފި ކަމަށެވެ. ސައުދީގެ ފުޓްބޯޅަ ކުރިއަރުވާ, ކުރިއެރުންތަކެއް ހޯދައިފިކަމަށް ކޯޗު ދޯނީސް ފައިނަލު މެޗަށްފަހު ބުންޏެވެ.
ކޯޗު ބުނީ މިކާމިޔާބީއަށްފަހު މިއަށްވުރެ ބޮޑު ޗެލެންޖެއް ކުރިއަށް އެބައޮތް ކަމަށެވެ. އެއީ އޭޝިޔަން ކަޕެވެ. މުބާރާތުގައި ސައުދީއަށް އޮތީ ފަލަސްޠީނާއި, ކުވެއިތާއި އޮމާން މެޗެވެ. މުބާރާތް އޮންނާނީ އަންނަ އަހަރު ޖެނުއަރީ 7 އިން ފެބުރުއަރީ 5 އަށެވެ.