ޚަބަރު

މާލެއާއި ތިލަފުއްޓާ ދެމެދުގައިވާ ޗެނަލްތަކުން ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފި


  • މިސަރަހައްދުން ދަތުރުކުރުމަކީ ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު އޮތްކަމެއް

ތިލަމާލެ ބުރިޖް މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާތީ، މާލެއާއި ތިލަފުއްޓާ ދެމެދުގައިވާ ޗެނަލްތަކުން ދަތުރު ނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ގްރޭޓަރ މާލެ ކަނެކްޓިވިޓީ މާލެ-ތިލަފުށި ލިންކް މަޝްރޫޢުގެ މަސައްކަތް މާލެއާއި ތިލަފުއްޓާ ދެމެދުގައިވާ ތިން ޗެނަލްގައި ކުރިއަށްދާއިރު، ފަހަކަށް އައިސް މިޗެނަލްތައް އާންމު ދަތުރުފަތުރަށް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

މިއީ ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު އޮތް ކަމަކަށްވާތީ، މި މަޝްރޫއުގެ މަސައްކަތް ނިިމި، މި ސަރަހައްދު ބޭނުންކުރުމަށް ރަސްމީކޮށް ހުޅުވައިލެވެންދެން އާންމު ދަތުރުފަތުރު ކުރުމަށް މި ތިން ޗެނަލް ބޭނުންނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

..

ތިލަމާލޭ ބްރިޖަކީ ގްރޭޓަރ މާލޭ އޭރިއާގެ ތަރައްޤީއާއި ގުޅިފައިވާ މުހިންމު މަޝްރޫޢެކެވެ. އިޤްތިޞާދީ އަދި އިޖުތިމާޢީ އެތައް ބަދަލަކާއި ގުޅިފައިވާ މިމަޝްރޫޢު ނިމިގެންދިޔުމަކީ މިސަރަޙައްދުގެ ރައްޔިތުންގެ އޮތް ބޮޑު އުއްމީދެކެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ތިލަމާލެ ބްރިޖާ ގުޅޭގޮތުން އާންމުކުރައްވާފައިވާ މަޢުލޫމާތަށް ބަލާއިރު 15 މާރޗުގެ ނިޔަލަށް ތިލަމާލޭ ބްރިޖް މަޝްރޫޢުގެ 52.44 އިންސައްތަ މަސައްކަތްވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ ޕައިލް ކެޕް، ޕިއަރ ކޮލަމްސް އެޅުމުގެ މަސައްކަތާއި އަދި ސުޕަރ ސްޓްރަކްޗަރގެ ސެގްމެންޓްސް ލޯންޗް ކުރުމުގެ މަސައްކަތްކަމަށް އެވުޒާރާއިންވަނީ ވިދާޅުވެއެވެ.

ތިލަމާލެ ބްރިޖް މަޝްރޫއުގެ ޓައިމްލައިންގައިވާ ގޮތުން މާލެއިން ގުޅިފަޅަށް މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ މާރޗް މަހުގެ ނިޔަލަށެވެ. ގުޅިފަޅުން ތިލަފުއްޓަށް ގުޅާލާ ބްރިޖުގެ މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށެވެ. މިއާއެކު މުޅި މަޝްރޫޢު ނިމޭނެކަމަށް ޓައިމްލައިންގައި ހިމަނާފައިވަނީ 30 ސެޕްޓެމްބަރު 2026 އަށް ކަމަށް އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި މަޝްރޫއުގެ ދަށުން ޤާއިމްކުރާ 3 ބުރިޖާއި، ކޯސްވޭ އަދި މަގުތަކުގެ ނެޓްވޯކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ. މީގެއިތުރަށް ގުޅާލާ، ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަރޗޭންޖް ޕޮއިންޓްތަކާއި، ޕާކިން ސަރަހައްދުތައްވެސް ހުންނާނެއެވެ.