މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، އެމްއޭސީއެލް އަދި ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީގެ ބޯޑުގެ ޗެއަރ ކަމަށް ބޭފުޅުން އައްޔަން ކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އާންމުކުރައްވާފައިވާ ގޮތުގައި، އެމްއޭސީއެލްގެ ބޯޑުގެ ޗެއަރޕާސަން ކަމަށް އައްޔަންކުރައްވާފައިވަނީ މީގެކުރިން އެމްއެމްޕީއާރްސީގެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމުވެސް އަދާކުރެއްވި، ހ. ސީސައިޑް، އައިޝާ ނޫރްއައިން ޖަނާހުއެވެ. އެމްއެމްޕީއާރްސީ ބޯޑުގެ ޗެއަރޕާސަންކަން ކުރެއްވުމުގެ އިތުރުން ނޫރްއައިން އަންނަނީ ވިޔަފާރީގެ ދާއިރާގައިވެސް ހަރަކާތްތެރިވަމުންނެވެ. ވޯލްޑް އިކޮނޮމިކް ފޯރަމުން ހޮވާ ޔަންގް ގްލޯބަލް ލީޑަރުންގެ ލިސްޓުގައިވެސް އޭނާ ވަނީ ދާދި ފަހުން ހިމެނިފައެވެ.
ޕީސީބީން އެޗްޑީސީގެ ޗެއަރމަންގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ މ. ލާލުބާގް އަޙްމަދު ޝަހީރެވެ. ޝަހީރަކީ މީގެކުރިން ފެނަކަ ކުންފުނީގެ ބޯޑުގެ ޗެއަރމަންކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރކަން ވެސް 2014 އިން 2018 އަށް ޝަހީރުވަނީ ކުރައްވާފައެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.