ޚަބަރު

ދުންފަތާއި ދެކޮޅަށް ކުރާ މަސައްކަތަށް ޑަބްލިޔުއެޗްއޯއިން ޚާއްސަ އެވޯޑެއް ރައީސަށް އަރުއްވައިފި


  • ޑަބްލިޔުއެޗްއޯގެ ފަރާތުން އެވޯޑު ރައީސަށް އެރުއްވީ ރީޖަނަލް ޑިރެކްޓަރ ސައިމާ ވާޒިދު

  • ޞިއްޙަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ވަނީ މަރުޙަބާ ވިދާޅުވެފައި

ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކޮށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ދެއްވާ ޚާއްސަ އެވޯޑު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަރުއްވައިފިއެވެ.

މިއެވޯޑު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށް އަރުއްވާފައިވަނީ، ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްސަ ހަފްލާގައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ފަރާތުން މިއެވޯޑު ރައީސުލްޖުމްހޫރިއްޔާއަށް އަރުއްވައި ދެއްވީ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ރީޖަނަލް ޑިރެކްޓަރ ސައިމާ ވާޒިދެއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމަށް ވަކިވަކި ފަރުދުންނާއި ޖަމްޢިއްޔާތަކަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކޮންމެ އަހަރަކު ވެސް އެވޯޑުދެއްވައެވެ. މީގެތެރޭގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނަމް ގެބްރިއޭސުސް ދެއްވާ ޚާއްސަ ރިކޮގްނިޝަން އެވޯޑާއި، ވޯލްޑް ނޯ ޓޮބެކޯ ޑޭ އެވޯޑްފަދަ އެވޯޑްތައް ހިމެނެއެވެ.

ޑަބްލިޔުއެޗްއޯއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށް އަރުވާފައިވަނީ، ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމަށްޓަކައި އެމަނިކުފާނު ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ދެއްވާ ޚާއްސަ އެވޯޑެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނަމް ގެބްރިއޭސުސް ދެއްވި ޚާއްސަ މެސެޖުގައިވަނީ މިއެވޯޑު ހާސިލްކުރެއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އަދި ދުންފަތް ކޮންޓްރޯލްކުރުމަށް އެމަނިކުފާނު އެޅުއްވި މުހިންމު ފިޔަވަޅުތައް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ފާހަގަކުރެއްވިއެވެ.

"މިއީ ރާއްޖެއަށް ހަމައެކަނި ހާސިލްވި ކާމިޔާބީއެއް ނޫން. މިއީ ދުންފަތް ނެތް ޤައުމަކަށްވުމަށް މަސައްކަތް ކުރާ އެހެން ޤައުމުތަކަށްވެސް ރަނގަޅު މިސާލެއް. ދިވެހި ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވުރަކީ އަދުގެ ޖީލަށާއި މުސްތަޤުބަލުގެ ޖީލުތަކުގެ ދުޅަހެޔޮކަން ކަށަވަރުވާނެ ކަމެއް." ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނަމް ގެބްރިއޭސުސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ ދުންފަތާ ދެކޮޅަށް ހަރުކަށި ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން، ރާއްޖޭގައި ވޭޕް ބުއިމާއި ވިއްކުން އެއްކޮށް ވަނީ މަނާކުރައްވާފައެވެ. އަދި، ސިނގިރޭޓްގެ ޑިއުޓީ ވެސް ވަނީ ބޮޑުކޮށްފައެވެ. އަދި 01 ޖަނަވަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި އެ ތާރީޚުގެ ފަހުން އުފަންވާ ހުރިހާ ކުދިން ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށްވެސް ވަނީ ނިންމަވާފައެވެ.

ދުންފަތާ ދުރުހެލި ކުރުވަން ޖެނެރޭޝަނަލް ބޭންއެއް ކަނޑައެޅުމާއި ގުޅޭ ޤާނޫނީ އިޖުރާއާތުތައް ރާއްޖެއިން ފުރިހަމަކޮށްފައިވާއިރު، ރާއްޖޭގެ ޒައާމަތާއި ހަވާލުވެވަޑައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންދަވަނީ ދުޅަހެޔޮ މުޖްތަމަޢެއް ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވާފައިވަނީ އެކަމާމެދު ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ރައީސުލްޖުމްހޫރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ކުރިއަށްގެންދެވި ޕޯލެއްގެ ނަތީޖާއަށް ބެއްލެވުމަށްފަހުއެވެ.