ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށްގެންދިޔަ ލީގު ކަޕް 2025 އަކީ ފުޓްބޯޅަ އާންމު ހާލަތަކަށް ގެންނަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެފްއޭއެމްގެ ޓެކްނިކަލް ކޮމިޓީގެ ވައިސް ޗެއަރ މައުރޫފް އަޙްމަދު (މާއްޓޭ) ބުނެފިއެވެ.
އެފްއޭއެމްއިން މުޅިން އަލަށް ލީގު ކަޕުގެ ނަމުގައި ބޭއްވި ވާދަވެރި ފުޓްބޯޅަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތަށްފަހު "ޕީއެސްއެމް ނިއުސް" އަށް ދިން ޚާއްސަ އިންޓަވިއުއެއްގައި މާއްޓޭ ބުނީ ފުޓްބޯޅަ ނުކުޅެ ގިނަދުވަސްތަކެއް ފާއިތުވެފައިވާއިރު މި ކަހަލަ މުބާރާތެއް އިންތިޒާމު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހު އެއްވެސް ވަރަކަށް ފުޓްބޯޅަ ނުކުޅެ. އެގޮތަށް ކޮމްޕެޓިޓިވްނެސް ގެނެސް ކުލަބުތަކުގައި އަދި ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން މިކަހަލަ ޓޯނަމަންޓެއް އޮގަނައިޒްކޮށް ކުޅުމަކީ ވަރަށް މުހިންމުކަމެއް" ކަމަށް މައުރޫފު ބުންޏެވެ.
މި މުބާރާތުން ހުރިހާ ޓީމުތަކެއް ނުފެނު ނަމަވެސް ފަސްވަރަކަށް ޓީމު ބައިވެރިކޮށްގެން މި ކުރިޔަށް ގެންދެވުނު މުބާރާތަކީ، ފެށުމެއް ކަމަށްވެސް ފުޓްބޯޅައަށް ހިދުމަތް ކުރުމުގެ ރޮނގުން އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމް ހާސިލުކޮށްފައިވާ މާއްޓޭ ފާހަގަކުރިއެވެ.
"މިހާ ދުވަހު އަޅުގަނޑުމެންގެ ކުލަބުތައް މި ލެވެލްގައި ނުކުޅެ، ފުޓްބޯޅަ އެހެން ލެވެލަކަށް ގެންދަން ނުވަތަ އަޅުގަނޑުމެން ނޯމަލައިޒްވެގެން ފުޓްބޯޅަ ކުރިޔަށް ގެންދިއުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޤަބޫލުކުރަނީ" މާއްޓޭ ބުންޏެވެ.
ފުޓްބޯޅައިގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ މާއްޓޭއަކީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް މިހާރުވެސް އެފްއޭއެމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ މީހެކެވެ. ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ ގޯލު ކީޕަރު އަދި ފުޓްބޯޅަ ކޯޗު މާއްޓޭވަނީ 90 ގެ އަހަރުތަކުގައި ވެލެންސިއާ، ވިކްޓްރީ އަދި ލެގޫންސް ފަދަ ޓީމުތަކުގެ ގޯލު ބަލަހައްޓައިދީފައެވެ. މީގެ އިތުރުން ވެލެންސިއާ، ވިކްޓްރީ އަދި އައިއެފްސީއަށް ކޯޗުކޮށްދީ އެ ޓީމުތަކަށް ކާމީޔާބީތައް ހޯދައިދީފައިވެއެވެ.
އެފްއޭއެމު ލީގު ކަޕް 2025 ގައި ބައިވެރިވީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި، އޮޑި ސްޕޯޓްސް ކުލަބާއި، ޓީސީ ސްޕޯޓްސް ކުލަބާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، މަހިބަދޫ ސްޕޯޓްސް ކުލަބެވެ. ފައިނަލްގައި އޮޑި ސްޕޯޓްސް ކުލަބު 4-0 ން ބަލިކޮށް ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދީ މާޒިޔާއިންނެވެ.