ދުނިޔެ

އިންޑިޔާގެ ބަހުގެ ހަމަލާތަކެއް ޕާކިސްތާނަށް !


ކަޝްމީރުގެ މައްސަލައާ ގުޅިގެން އިންޑިޔާގެ ދާޚިލީ ވަޒީރު ރަޖްނަތް ސިންގް، ޕާކިސްތާނަށް ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ. 

ނިއުދިއްލީގައި ދެއްވި ބަޔާނެއްގައި ރަޖްނަތް ސިންގް ވިދާޅުވީ ކަޝްމީރުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ޕާކިސްތާނުން ހިއްވަރުދޭކަމަށާ ޕާކިސްތާނުގެ މިފަދަ އަމަލުތައް ބަލައިނުގަނެވޭނެ ކަމަށެވެ. ރަޖްނަތް ސިންގް މިހެން ވިދާޅުވީ ކަޝްމީރުގެ އިންޑިޔާގެ ފަޅި ކަމަށްވާ ޖަންމޫ ކަޝްމީރުގައި ދާދިފަހުން ހިނގައިދިޔަ އާދަޔާ ޚިލާފު ހަމަނުޖެހުންތަކާ ގުޅިގެން އިންޑިޔާ ސިފައިންގެ އަތްދަށުން އެތަށްބަޔަކު މަރުވެފައިވާތީ އިންޑިޔާއާ ދެކޮޅަށް ޕާކިސްތާނުގެ އެތަށް ހާސް ބަޔަކު މިދިޔަ ބުދަދުވަހު ބޭއްވި ހިނގާލުމަކާ ގުޅިގެނެވެ.

ކަޅުދުވަހުގެ ޝިޢާރުގެ ދަށުން ޕާކިސްތާނުގައި ބޭއްވި އެހިނގާލުމުގައި ޖަންމޫ ކަޝްމީރުގައި އިންޑިޔާ ސިފައިން ހިންގާ ހަރަކާތްތައް ކުށްވެރިކޮށްފައިވެއެވެ. ޖަންމޫ ކަޝްމީރުގައި ދާދިފަހުން ހިނގައިދިޔަ ހަމަނުޖެހުންތަކުގައި 36 މީހުންމަރުވެ އެތަށް ބަޔަކު ޒަޚަމްވެފައިވެއެވެ. 

ކަޝްމީރުގެ އެ ހަމަނުޖެހުންތަކާ ގުޅިގެން އިންޑިޔާގެ އިދިކޮޅު ކޮންގްރެސް ޕާޓީންވެސް ވަނީ އިންޑިޔާ ސަރުކާރަށް ފާޑުކިޔާފައެވެ.