ޚަބަރު

ތިމާވެއްޓާއި ރަހުމަތްތެރި ބައިސްކަލު ރާއްޖެއަށް ތައާރަފްކުރުމަށް މަސައްކަތް ކުރާނަން: ރައީސް


  • ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ބައިސްކަލު ދުވަހާއި ގުޅިގެން

ރާއްޖޭގެ ހުރިހާ ހިސާބަކަށް ތިމާވެއްޓާ ރަހުމަތްތެރި ބައިސްކަލު ތައާރަފްކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ދުނިޔޭގެ ބައިސްކަލު ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިޔާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ދުނިޔޭގެ ބައިސްކަލު ދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު ބޭނުމަކީ ބައިސްކަލުން ދިރިއުޅުމާއި ތިމާވެއްޓަށް އަންނަ ހެޔޮ ބަދަލުތައް ފާހަގަކުރުންކަމަށެވެ. ބައިސްކަލަކީ ޚަރަދުކުޑަކޮށް ދަތުރުކުރެވޭ ދެމެހެއްޓެނިވި، ތިމާވެއްޓާއި ރަހުމަތްތެރި އުޅަނދެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

އިންޖީނުލީ އުޅަނދުފަހަރުން ރަށްރަށް ތޮއްޖެހެމުންދާއިރު ދަތުރުފަތުރުގެ ނިޒާމާއިމެދު ވިސްނަން ޖެހިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ރަށްރަށަކީ ފެހި އަދި ތިމާވެއްޓާ ރަހުމަތްތެރި ތަނަކަށް ހެދުމަށްޓަކައި ސަރުކާރުން ބައިސްކަލު ތައާރަފްކުރުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ.

މިއަހަރުގެ ދުނިޔޭގެ ބައިސްކަލު ދުވަހުގެ ޝިއާރަކީ "ސައިކްލިން ފޯރ އަ ސަސްޓެއިނަބަލް ފިއުޗަރ" އެވެ.