ޚަބަރު

ސިންގަޕޫރު މެޗުގައި ހުރިހާ ފޯކަސްއެއް އޮންނާނީ ޓިމޯ ލެސްޓޭ މެޗަށް: ސުޒެއިން


ސިންގަޕޫރު މެޗުގައި ހުރިހާ ފޯކަސްއެއް އޮންނާނީ ޓިމޯ ލެސްޓޭ މެޗަށް ތައްޔާރުވުމަށް ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.

ސިންގަޕޫރަށް ފުރުމުގެ ކުރިން "ޕީއެސްއެމް ނިއުސް" އަށް ދިން ޚާއްސަ އިންޓަވިއުގައި ސުޒެއިން ބުނީ ސިންގަޕޫރު މެޗުގެ ނަތީޖާއަކީވެސް މުހިންމު އެއްޗެއް ކަމަށާއި، އެހެންނަމަވެސް ސިންގަޕޫރު މެޗު ކުޅޭނީ ވީހާވެސް ބޮޑަށް ޓިމޯ ލެސްޓޭއާއި ދެކޮޅަށް ކުޅޭ ވާދަވެރި މެޗަށް ވިސްނައިގެން އެ މެޗަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.

ސުޒެއިން ބުނީ ޤައުމީ ޓީމުން ސިންގަޕޫރަށް ފުރީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށާއި، އެ ހިތްހަމަޖެހުން އެބައޮތް ކަމަށެވެ.

"ތައްޔާރީތަކާއި ދޭތެރޭ ހަމަގައިމުވެސް ވަރަށް ހިތްހަމަޖެހޭ. އެއީ މުބާރާތެއް ކުޅެލާފަ 5 މެޗުވިޔަސް ކުޅެލާފަ ގިނަ ކުޅުންތެރިން މިތިބީ. ނުވަދިހަ ފަސް ޕަސެންޓް ވިޔަސް. ދެތިން ކުޅުންތެރިން ފިޔަވާ. އެހެންވީމަ ޕްރެކްޓިހުންވެސް އެ މޯޓިވޭޝަން ވަރަށް ރަނގަޅަށް ފެނިގެން ދިޔަ. ފިޓްނަސް ހުރިހާ އެއްޗެއްވެސް ވަރަށް ރަނގަޅުކޮށް ފެނުނީ. އެހެންވީމަ ވަރަށް ހިތްހަމަޖެހޭ ހަމަ" ސުޒެއިން ބުންޏެވެ.

ގައުމީ ޓީމުން ސިންގަޕޫރަށް ދިޔައީ ޖޫން 5 ވަނަ ދުވަހު ކުޅޭ އެކުވެރިކަމުގެ މެޗަކަށެވެ. ސިންގަޕޫރުގެ ދައުވަތަކަށް ކުޅޭ އެމެޗު އޮންނާނީ ސިންގަޕޫރު ނޭޝަނަލް ސްޓޭޑިއަމްގައެވެ. ސިންގަޕޫރުގައި ކޭމްޕް ކުރުމަށްފަހު ޤައުމީ ޓީމު ފުރާނީ އޮސްޓްރޭލިއާއަށެވެ.

އޭއެފްސީ އޭޝިއަންކަޕް ކޮލިފައިންގައި ރާއްޖޭން ޓިމޯ ލެސްޓޭ އާއި ދެކޮޅަށް ކުޅޭ އަވޭ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 10 ވަނަ ދުވަހު އޮސްޓްރޭލިއާގެ ޑާވިންގައެވެ. މިއީ ޤައުމީ ޓީމުން އޮސްޓްރޭލިއާގައި ކުޅޭ ފުރަތަމަ މެޗެވެ.

2027 ވަނަ އަހަރު ސައުދީއަރަބިއްޔާގައި އޮންނަ އޭއެފްސީ އޭޝިއަންކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާއި ދެކޮޅަށް ރާއްޖެއިން ކުޅޭ މެޗު އޮސްޓްރޭލިއާގައި ޑާވިންގެ ޓެރިޓަރީ ރަގްބީލީގު ސްޓޭޑިއަމަށް ބަދަލުކޮށްފައިވަނީ ޓިމޯ ލެސްޓޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ދަނޑެއް ނެތުމުންނެވެ.