ތަރައްްޤީ

ނިލަންދޫ ބަނދަރު ސަރަޙައްދުން ބިން ދޫކުރަނީ


ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫގެ ބަނދަރު ސަރަޙައްދުން ވިޔަފާރިތަކަށް ބިން ދޫކުރައްވަން ނިންމަވައިފިއެވެ. 

ނިލަންދޫ ކައުންސިލުން ވިދާޅުވި އެ ރަށުގެ ބަނދަރު ހައްދަވައިދެއްވުމުގެ ތެރޭގައި ހިއްކަވައިދެއްވާފައިވާ ބިން އެންމެ ރަނގަޅުގޮތުގައި ބޭނުންކުރެއްވުމަށް ކުރައްވަންޖެހޭ ޕްލޭންތައް މިހާރު ކުރައްވަމުން ގެންދަވާކަމަށެވެ. މިޕްލޭންގައި ވިޔަފާރީގެ ބައިތައް ވެސް ހިމެނޭނެކަމަށް އެ ކައުންސިލުން މައުލޫމާތު ދެއްވިއެވެ.

ނިލަންދޫގައި އަލަށް ހެއްދެވި ބަނދަރާއެކު ނިލަންދޫގެ ބަނދަރު ސަރަޙައްދަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އާ ބަނދަރުގެ މަސައްކަތާއެކު އެސަރަޙައްދުގެ ބިންވެސްވަނީ ހިއްކަވައި ބޮޑުކުރައްވާފައެވެ. އެހެންކަމުން ހިއްކި ސަރަޙައްދުން ވިޔަފާރިތަކަށް ބިން ދޫކުރެއްވުމުގެ ޕްލޭނެއް އެރަށު ކައުންސިލުން ވަނީ އެކުލަވާލައްވާފައެވެ. ނިލަންދޫ ކައުންސިލުން ވިދާޅުވި ގޮތުގައި، މި ޕްލޭންގައި، ވިޔަފާރީގެ އިތުރުން ރަށަށް މުހިންމުވާ އެހެން ކަންކަމަށް ބޭނުންކުރައްވާނެ ބިންތަކާއި އެ ބިންތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރެވޭނެ ގޮތްތައް ފާހަގަކުރައްވާނެކަމަށެވެ. އޭގެތެރޭގައި އެސަރަޙައްދުގައި ކެފޭ ރެސްޓޯރެންޓާއި ފިހާރަތައް ހަދާނެ ބިންތައް ހިމެނުއްވުމަށް ވަނީ ނިންމަވާފައެވެ. އަދި ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިން މަޑުކޮށްލެވޭފަދަ ތަންތަން ތަރައްޤީކުރެއްވުމުގެ ވިސްނެވުންވެސް ކައުންސިލުން ގެންގުޅުއްވައެވެ. 

ނިލަންދޫ ކައުންސިލްގެ ރައިސް ނާސިޙް އިބްރާހީމް ވިދާޅުވީ ބަނދަރުމަތީގައި ހުރި ހުސްބިންތަކުގެ ޕްލޭނެއް އެކުލަވާލައްވައި، އެތަނުން ވިޔަފާރިއަށް ބިން ދޫކުރެއްވުމަށް ބޭނުންވާ ހުއްދަ ހޯއްދެވުމަށް ހައުސިންގ މިނިސްޓްރީއަށް ހުށަހަޅުއްވާފައިވާކަމަށެވެ. އަދި ވަރަށް އަވަހަށް ބަނދަރު ސަރަޙައްދުން ބިން ދޫކުރައްވަން ފަށްޓަވާނެކަމަށް ނާސިޙް ވިދާޅުވިއެވެ.

ނިލަންދޫގެ ބަނދަރު މައްޗަށް އައި ބަދަލާއެކު ނިލަންދޫ ކައުންސިލުން ދަނީ އެސަރަޙައްދު ޒީނަތްތެރިކުރެއްވުމުގެ މަސައްކަތްވެސް ކުރައްވަމުންނެވެ. އެގޮތުން ގަސްއިންދެވުމާއި، މީހުން އިށީނދެ ތިބެވޭނެ ޒަމާނީ އަދި ހަލާކުނުވެ ގިނަދުވަހު ހުންނަފަދަ ބެންޗު ބެހެއްޓެވުން ފަދަ ކަންކަން ހިމެނެއެވެ. ބަނދަރު ރީތިވެ، އެ ސަރަޙައްދަށް އެންމެ ބޮޑު ދިރުމެއް ގެނެސްދޭނެ އެއްކަމަކީ އެ ސަރަޙައްދުގައި ހައްދަވާ ކުޑަކުދިންގެ ޕާކެވެ. މި ޕާކާއެކު ހެއްދެވުމުގެ މަސައްކަތް މިހާރު ކުރިޔަށް އެބަގެންދަވައެވެ.