މާލެ ސިޓީ ކައުސިލުގެ ބެލުމުގެ ދަށުގައި އޮތް 14 ބިމެއް ސަރުކާރަށް ނަގާ، އެތަންތަނުގައި ތަރައްޤީކުރަން ނިންމާފައިވާ މަޝްރޫޢުތައް އިޢުލާނުކޮށްފިއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، މާލެ އަދި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ އުމްރާނީ ތަރައްޤީގެ މަސައްކަތް ކުރުމަށާއި، އިންފްރާސްޓްރަކްޗަރގެ ޚިދުމަތް ދިނުމަށާއި، އެ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް ބެލެހެއްޓުމަށް ކޮންމެހެން ބޭނުންވާ ބިންތަކުގައި އެ ކަމަކާއި ގުޅުންހުރި މަޝްރޫޢުތައް ހިންގުމަށްޓަކައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލުގެ އިޚްތިޞާޞުން ވަކިކޮށް، ދައުލަތުގެ މިލްކިއްޔާތުގެ ގޮތުގައި ކަނޑައެޅުމަށް 14 ބިމެއް ހަމަޖައްސާފައިވާ ކަމަށެވެ.
މި ބިންތަކުގެ ތަފްސީލާއި އެތަންތަން ތަރައްޤީ ކުރުމަށް ސަރުކާރުން ނިންމާފައިވާ ޕްލޭން ވަނީ ގެޒެޓުކޮށްފައެވެ.
1. ސަލްޓަން ޕާކު / މިއުޒިއަމް އޭރިއާ – އީ-ސްޕޯޓްސް އެރީނާ އަދި މިއުޒިއަމް ޕާކު
2. މަސް މާރުކޭޓު – އޮފީސް އަދި ވިޔަފާރިއަށް ކުއްޔަށްދޭ އިމާރާތެއްގެ ގޮތުގައި
3. ލޯކަލް މާރުކޭޓު – މާރުކޭޓު ކޮމްޕްލެކްސް
4. ދަތުވެރިންގެ މާރުކޭޓު – މިކްސް-ޔޫސްޑް ކޮމާޝަލް ޑިވެލޮޕްމަންޓް
5. މާލެ ސިޓީ ކައުންސިލް އެކަމަޑޭޝަން – ލޭބަރ އެކަމަޑޭޝަން އެންޑް ސްޓޯރޭޖް ފެސިލިޓީ
6. ވިޔަފާރިވެރިންގެ ޖަމިއްޔާ ހިންގި ބިން – ޑޭ ކެއަރ ސެންޓަރ އަދި ކުޑަކުދިންގެ ހަރަކާތްތައް ހިންގާ މަރުކަޒު
7. ކާނިވާ ކެފޭ ޕާކިން އޭރިއާ – ރެކްރިއޭޝަނަލް އަދި ވިޔަފާރި ބޭނުމަށް
8. އާރޓިފިޝަލް ބީޗު – ޕަބްލިކް ރެކްރިއޭޝަނަލް ފެސިލިޓީ
9. މަސްވެރިންގެ މައިޒާން – މިހާރުވެސް ބޭނުންކުރާގޮތަށް އެމްޑަބްލިއުއެސްސީ ޕަމްޕް ސްޓޭޝަންގެ ގޮތުގައި
10. ތައިސޭކޮށީގައިވާ ހުސްބިންތައް – މަޝްރޫޢުތަކުގެ ވޯކް ސައިޓަކަށް ބޭނުންކުރުމަށް
11. ޕޭ ޓޮއިލެޓް 2 – ޕަބްލިކް ފާހަނާއާއި އެކަމާ ގުޅޭ ފެސިލިޓީ
12. ކުރީގެ ހަކަތަ ޕެޓްރޯލް ޝެޑް ބިން – އިލެކްޓްރިކް ވެހިކަލް ޗާޖިން ފެސިލިޓީ
13. ބޮނޑިބަތް ޕާކު – ޕާކިން އިމާރާތް އަދި ވިޔަފާރި ބޭނުމަށް
14. ރަސްފަންނު – ހިންގުން ސަރުކާރުގެ ދަށަށް ބަދަލުކޮށްފައި
ސަރުކާރުން މި ބިންތައް ނަގަން ނިންމާފައިވަނީ، ހުސްކޮށް ހުރި ބިންތައް ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތްތަކަށް ބޭނުންކުރުމަށް މަޝްރޫޢުތައް ހިންގުމަށެވެ. އަދި މިހާރު ހުރި ޕާކުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށެވެ.
މި މަޝްރޫޢުތަކާއި ގުޅޭގޮތުން ޚިޔާލެއް ނުވަތަ ޝަކުވާ ހުށަހެޅުމަށް އެއްވެސް ފަރާތަކުން ބޭނުންވާނަމަ، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އެކަން އެވުޒާރާއަށް ލިޔުމުން ހުށައެޅުމަށް ވަނީ އަންގާފައެވެ.