ލ. ގަމު ކައިރީ އޮންނަ ފަޅުރަށެއް ކައިރިއަށް މަސް ހިފަން ފޭބި މީހަކު މަރުވެފައި އޮތްވާ ފެނިއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ލ. ގަމު ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ މަހަކަންފުށި ކައިރިއަށް މަސް ހިފަން ފޭބި މީހަކު ގެއްލިފައިވާ މައްސަލައެއްގެ ރިޕޯޓް މިއަދު ހެނދުނު 9:50 ހާއިރު ލިބިފައިވާ ކަމަށެވެ.
އޭނާ ހޯދުމަށް ކުރި މަސައްކަތުން ހެނދުނު 11:00 ހާއިރު ގެއްލުނު ސަރަހައްދުން އޭނާ ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ އެމީހާ ފެނިގެން ހޮސްޕިޓަލަށް ގެންދިއުމުން އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
މިޙާދިސާގައި މަރުވެފައިވަނީ ލ. ގަން ތުނޑީ، ފެސްފަރީ، އުމުރުން 65 އަހަރުގެ އަބްދުލްސަމަދު މުހައްމަދުއެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.