ޚަބަރު

"ޙައްޖުގެ ތެރެއިން ދަސްކުރަންވީ ނަފްސު އިސްލާހުކޮށް އަޅުކަމާއިގެން ކުރިއަށް ދާން"


  • ޙައްޖަތުލް ވަދާޢުގައި ރަސޫލާ ދެއްވި އިރުޝާދުތަކަށް އަލިއަޅުވާލެއްވި

  • އަޅުކަން ކުރުމުގައި އިޙްލާސްތެރިވުމަށް ގޮވާލެއްވި

ޙައްޖުގެ އަޅުކަމުގެ ތެރެއިން ދަސްކުރަންވީ، ނަފްސު އިސްލާހުކޮށް ދިރިއުޅުމުގެ ކަންކަމާއެކު އަޅުކަމުގައި ކުރިއަށް ދެވޭ ބަޔަކަށް ވުމަށް ދިވެހި ޙައްޖުވެރިންނަށް ޚާއްސަކޮށް އަރަފާތުގައި ދިން ޚުތުބާގައި ގޮވާލައްވައިފިއެވެ.

ޙައްޖުގެ އަޅުކަން ފުރިހަމަކުރުމަށް މިއަހަރު މައްކާއަށް ގޮސްފައިވާ ހައްޖާޖީންނަށް ޚާއްސަކޮށްގެން އެހެން އަަހަރުތަކޭ އެއްފަދައިން މިފަހަރުވެސް ދިވެހި ބަހުން ހައްޖު ހުޠުބާއެއް ދެއްވާފައިވެއެވެ.

ރާއްޖެއިން މިއަހަރު ޙައްޖަށް ދިޔަ މީހުންނާއެކު އިސް ޝައިޚެއްގެ ގޮތުގައި ވަޑައިގެންނެވި ފަޟީލަތުއްޝައިޚު މުޠީޢު އިސްމާޢީލް އަރާފާތު ދެއްވި ހުޠުބާގައި ޙައްޖުގެ މަތިވެރި އަޅުކަމުގެ މުހިންމު ކަމުގެ މަައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު އެތައް ބިލިއަން މުސްލިމުންގެ ތެރެއިން މިއަހަރު ލިބިގެން ދިއުމަކީ މާތް ﷲ އެކަލާނގެ ލޯބިވެވޮޑިގެންވާ އަޅުތަކުންނަށް ދެއްވާ ނަސީބެއްކަން ޙުޠުބާގައި ވަނީ ފާހަގަކުރައްވާފައެވެ. މިއާއެކު އިންސާނާ ދުނިޔެއަށް ފޮނުއްވާފައިވަނީ އަޅުކަން ކުރުމުގެ މަޤްޞަދުގައިކަން ހުޠުބާގައި ހަނދުމަކޮށްދެއްވާފައި ވެއެވެ.

ދިވެހި ޙައްޖާޖީންނަށް ދެއްވި ޙުޠުބާގައި ޙައްޖަތުލް ވަދާޢުގައި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމް، ދެއްވި މުހިންމު އިރުޝާދުތައް ވަނީ ހަނދުމަކޮށްދެއްވާފައެވެ. މިގޮތުން މީސްތަކުންގެ ފުރާނައާއި މުދަލައް ހުރުމަތްތެރިކޮށް ހިތުމަށާއި، އަބުރަށް އަރައިގަތުމުގެ ނުބައިކަން ޙުޠުބާގައި ކިޔައިދެއްވާފައި ވެއެވެ. މީގެ އިތުރުން ފިރިންނާއި އަނބިންގެ މައްޗަށް ޒިންމާތަކެއްވާކަން ފާހަގަކޮށް އެ ޒިންމާތަކަށް ފަރުވާކުޑަކުރާ ފަރާތްތައް މާތްﷲ ދަރުބާރުގައި ޖަވާބުދާރީވާންޖެހޭނެ ކަމުގައި ބަޔާންކޮށްދެއްވިއެވެ. އަދި މިނޫންވެސް މުހިންމު ކަންކަމުގެ މައްޗަށް ދިވެހި ޙުޠުބާގައި ވަނީ އަލިއަޅުއްވާފައެވެ.

ޙައްޖަތުލްވަދާޢުގެ ހުޠުބާގައި ރަސޫލާ ދެއްވެވި އިރުޝާދުތަކާއި އެއްގޮތަށް ޢިޙްލާސްތެރިކަމާއެކު އަޅުކަންތައް އަދާކުރުމަށް ވަނީ ޝެއިޙް މުޠީޢު ދެއްވި ޙުޠުބާގައި ގޮވާލެއްވިއެވެ. އަދި ނަފްސް އިސްލާހުކުރުމަކީ ޙައްޖުގެ އެންމެ މުހިންމު އެއް މަޤްޞަދުގައި ކަމުގައިވީހިނދު ޙައްޖުގެ މަޤްޞަދުތައް ހާސިލްވާނެހެން ޙައްޖުގެ އަޅުކަން އަދާކުރުމަށް ވަނީ އިރުޝާދު ދެއްވާފައެވެ.

" ވަޒީފާއަކީ، ޢާއިލާއަކީ ރައްޓެހިންނަކީ މާތް ﷲ ކުރަމުންދާ އަޅުކަމުން އެއްކިބާކުރުވާން ޖެހޭ ކަމެއް ނޫން. އެފަދައިން ވާކަމުގައިވާނަމަ އެއީ ވަރަށް ހިތާމަހުރި ކަމެއް. މި ހައްޖުގެ އަޅުކަމުގެ ތެރޭގައި އަޅުގަނޑުމެން ދަސްކުރަންވީ، އާއިލާއެކު ވަގުތު ހޭދަކޮށް ވަޒީފާގައި މަސައްކަތްކޮށް އަދި ރައްޓެހިންނާއެކު އުޅެމުންވެސް ނަފްސު އިސްލާހުކޮށް އަޅުކަމާއިގެން ކުރިއަށް ދެވޭ ބަޔަކަށް ވުމަށް މި ހައްޖުގެ ތެރެއިން އަޅުގަނޑުމެން ދަސްކުރަންވީ " ހައްޖު ޙުޠުބާގައި ވިދާޅުވިއެވެ.

ޙައްޖުގެ ހުޠުބާގައި އިޙްލާސްތެރިކަމާއެކު އަޅުކަން ކުރުމަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ކޮންމެ އަޅުކަމެއްވެސް ކުރަންވާނީ މާތް ﷲ ބައްލަވައި ވޮޑިގެންވާކަން ދަނެގެންކަން ޙުޠުބާގައި ވިދާޅުވިއެވެ. އެހެން ކަމުގައި ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު ފިޠުރަތުގެ ސާފު ކަންމަތީ އެނބުރިދާ މީހާ އަޅުކަން ކުރުމުގައި އިޙްލާސްތެރިވެ ރަސޫލާ އެންގެވި ގޮތަށް ދީނުގެ ކަންކަން ބައްޓަން ކުރުމުގައި މަސައްކަތް ކުރުމަށް ހުޠުބާގައި އިރުޝާދު ދެއްވިއެވެ.

އެހެންކަމުން ހައްޖު ނިންމުމަށް ފަހު އެނބުރި ދާއިރު ހެޔޮގޮތުގައި އުޅުމަށް އަޒުމު ކަނޑައެޅުމަށް ހުޠުބާގައި ވަނީ ހައްޖާޖީންނަށް ގޮވާލައްވާފައެވެ.