ހއ. ވަށަފަރުގެ ރަށުރަމްޒެއްގެ ގޮތުގައި ހަދާފާއިފާ މޮނިއުމަންޓް ހުޅުވައިފިއެވެ. މިމޮނިއުމަންޓް ހުޅުއްވައިދެއްވީ މިކަމަށްޓަކައި ވަށަފަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމްއެވެ.
ވަށަފަރު ރަށުރަމްޒް މޮނިއުމަންޓު ހުޅުވައިދެއްވައި ވާހަކަފުޅުދައްކަވަމުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވީ މިފަދަ މަސައްކަތްތަކުން ރަމްޒުކޮށްދެނީ ރަށުގެ ރައްޔިތުންނާއި ކައުންސިލުން ރަށުގެ ތަރައްޤީއަށް ގެންގުޅޭ ވިސްނުންކަމަށެވެ. އަދި ރަށުގެ ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން މިއިން ވަރަށް ބޮޑަށް ހާމަވެގެންދާކަމަށް ވަޒީރު ނާޒިމް ވިދާޅުވިއެވެ.
ރަށުގެ ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރާ މި ފަދަ މަސައްކަތްތަކަކީ ރަށުގެ ތަރައްޤީއަށް ކުރެވޭ މުހިންމު މަސައްކަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"މިފަދަ ކަންކަމުން ރަމްޒުކޮށްދެނީ ރަށުގެ އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން. ތަރައްޤީއާއި ތަހުޒީބު ގެނައުމައްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ވިސްނުމާއި ފިކުރު. އެއީ އެންމެ މުހިންމު ކަންތައް ރަށަކަށް ބޭނުންވާނެ" ޞިއްޙީ ވަޒީރު ނާޒިމް ވިދާޅުވިއެވެ.
ވަށަފަރުގައި ހަދާފައިވާ ރަށު ރަމްޒު ނުވަތަ މޮނިއުމަންޓަކީ އެރަށަށް ނިސްބަތްވާ ވަށަފަރު މީހުން އުނބަށް ޖެހުން މިހާދިސާއަށް ބިނާކޮށް ހަދާފައިވާ މޮނިއުމަންޓެކެވެ. މޮނިއުމަންޓުން ފެނިގެން ދަނީ އުނބެއްގެ މަތީގައި ބަހައްޓާފައިވާ ރިޔާނެގި ދޯންޏެކެވެ. އަދި ދޯނި ކައިރީގައި މަޑިއަކާއި ކޯމަހެއްވެސް ހަދާފައިވެއެވެ މިމޮނިއުމަންޓް ފުރިހަމަވެގެން ދަނީ ދޯނީގެ ކައިރީގައި ހުރި ހުސް އުނބުތަކުންނެވެ.
ދޯނި ބަހައްޓާފައިވާ ބޮޑު އުނބު ވަނީ ފެން ފައިބާ ގޮތަށް ފަރުމާކޮށްފައެވެ. މުޅި މޮނިއުމަންޓު ދަށުގައި ވަނީ މަސްގެންގުޅޭގޮތަށް ޓޭންކެއް ހަދާފައެވެ.
ވަށަފަރު މީހުން ބުނާ ގޮތުން ވަށަފަރު މީހުން އުނބަށް ޖެހުމޭ ކިޔަނީ ދަތުރުކުރި ދޯންޏެއްގައި އޮތް ކުރުނބާ އިހަލަކުން ކުރުނބާ ބުއިމަށްފަހު އުނބުތައް މޫދަށް އުކަމުން ގޮސް އެންމެ ފަހު ކުރުނބާ ބޯލުމަށްފަހު ކިހާކުގެ ރަހަ ބެލިއިރު އޭގެ ރަހަ މާ މީރުވުމުން މޫދަށް އުކި އުނބުތައް ހޮވަން އެނބުރި ދާން ނިންމި ހާދިސާއަކާ ގުޅިގެންކަމަށް އެރަށު މީހުން ބުންޏެވެ.
ވަށަފަރު މީހުން ބުނީ މިކަމަކީ އެރަށު މީހުން ފަޚުރުވެރިވާ ކަމެއްކަމަށެވެ. އަދި ވަށަފަރުގެ އައިޑެންޓިޓީއަކަށް ފުދޭ މި ޚާއްސަ މޮނިއުމަންޓުންވެސް ރަމްޒުކޮށްދެނީ މިކަންތައްކަމަށް އެމީހުން ބުންޏެވެ.