މާލޭ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާގަޑީގައި ވެހިކަލް ދުއްވި 11 މީހަކު ޖޫރިމަނާކޮށްފިއެވެ.
އަޟްޙާ ޢީދުގެ ދުވަހު ހަވީރަކީ ފައިމަގުގައި އުޅޭ ވަގުތެއްގެ ގޮތުގައި މާލޭ ސިޓީ ކައުންސިލުން ވަނީ ހަމަޖައްސަވާފައެވެ. މިގޮތަށް ހަމަޖައްސަވާފައި ވަނީ ޢީދު ދުވަހުގެ ހަވީރު މާލޭ ސަރަޙައްދުގައި އާއިލާތަކަށް މަގުމައްޗަށް ނިކުމެ ޢީދުގެ އުފަލުގައި ހިތްފަސޭހަ މާހައުލެއް ޤާއިމުކޮށްދިނުމުގެ ބޭނުމުގައެވެ.
މިގޮތުން ޢީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް މާލޭ ސަރަހައްދުގެ އާންމު ހުރިހާ މަގުތަކުގައި ދުއްވާ އެއްޗެހި ދުއްވުން ވަނީ މަނާކޮށްފައެވެ. މިވަގުތުގެ ތެރޭގައި މާލޭ ސަރަޙައްދުގައި ފުލުހުން ވަނީ ޚާއްސަ ޓްރެފިކް އޮޕަރޭޝަނެއްވެސް ކުރިއަށްގެންގޮސްފައެވެ.
ފުލުހުން ވިދާޅުވީ، ވެހިކަލް ދުއްވުން މަނާ ގަޑިތަކުގައި ވެހިކަލް ދުއްވައިގެން 11 މީހެއް ޖޫރިމަނާކޮށްފައިވާކަމަށެވެ. އަދި 141 މީހަކަށް ނަސޭހަތްތެރިވަފައިވާކަމަށާއި 3 އުޅަނދެއް ޓޯވކޮށްފައިވާކަމަށެވެ. ޓޯވކުރި އުޅަނދުތަކުގެ ތެރޭގައި ނުރައްކާތެރިކޮށް ދުއްވައިގެން ހުއްޓުވި ވެހިކަލަކާއި، މުއްދަތު ހަމަވެފައިވާ ލައިސަންސަކާއެކު ދުއްވި އުޅަނދެއްގެ އިތުރުން ލައިސަންސް ނެތި ދުއްވި އުޅަނދެއް ހިމެނޭކަމަށް ފުލުހުން ވިދާޅުވިއެވެ.