ޚަބަރު

ޢީދާ ގުޅުވައިގެން އެމްއެންޑީއެފް ބޭންޑުގެ ޚާއްސަ ހަރަކާތްތަކެއް ސެންޓްރަލް ޕާކުގައި ބާއްވައިފި


  • މާލެ ސަރަހައްދުގައި ދިފާޢީ ބާރުން ކުރިއަށްގެންދިޔަ ޢީދުގެ ހަރަކާތްތައް މިހާރު ވަނީ ނިންމާލާފައި

  • 3 ދުވަހުގެ މުއްދަތަކަށް ގިނަ ހަރަކާތްތަކެއް ދިފާޢީ ބާރުން ކުރިއަށްގެންދިޔަ

މާލެ ސަރަހައްދުގައި އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން އެމްއެންޑީއެފް ބޭންޑުގެ ޚާއްސަ ހަރަކާތްތަކެއް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްގެންގޮސްފިއެވެ.

މާލެ ސަރަހައްދުގައި ޢީދުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ ސަރުކާރު ވުޒާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާއެކު ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުންނެވެ.

"ޢީދު ހަވީރު 1446" ނަމުގައި މާލެ ސަރަހައްދުގައި ކުރިއަށްގެންދާ ހަރަކާތްތައް ކުރިއަށްގެންދިޔައީ މިރޭގެ ނިޔަލަށެވެ. ސަރުކާރު ވުޒާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާއެކު ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުން ކުރިއަށްގެންދާ މި ހަރަކާތްތަކަށް ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

ޢީދުގެ ހަރަކާތްތަކުގެ ތެރެއިން ސެންޓްރަލް ޕާކުގައި އެންމެ ފަހުގެ ހަރަކާތްތަކުގެ ގޮތުގައި އެމްއެންޑީއެފް ބޭންޑުގެ ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ. މި ހަރަކާތްތައް ބަލައިލުމަށްވެސް ގިނަ ބަޔަކު ވަނީ ސެންޓްރަލް ޕާކަށް ޒިޔާރަތްކޮށްފައެވެ.

"ޢީދުހަވީރު 1446" އަކީ ޢީދު ބަންދުގައި އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާ، މަޖާ ގޭމުތަކަކާއެކު ތަފާތު ތަޖުރިބާއެއް ކޮށްލުމުގެ ފުރުޞަތު އާއިލާތަކަށް ފަހިކޮށްދިނުމަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ. އެގޮތުން މި ހަވީރުގެ ތެރެއިން މާލޭ ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނުގެ އިތުރުން ހުޅުމާލޭ ސެންޓްރަލް ޕާކާއި ހުޅުމާލޭ ފޭސް 2 ހިޔާ ޕާކު ސަރަޙައްދުގައި ތަފާތު ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.

މި ހަވީރުގައި ބައިވެރިވެފައިވާ ކުންފުނިތަކުގެ ތެރޭގައި އެޗްޑީސީ، އެމްއޭސީއެލް، އެމްޓީސީސީ، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ވެމްކޯ، އެމްޕީއެލް، ބީސީސީ އަދި އެސްޓީއޯ ފަދަ ކުންފުނިތައް ހިމެނެއެވެ. އަދި އާކޭޑް ހަބްގެ ޚާއްސަ ގޭމިންގ ސްޓޭޝަނެއްވެސް ސެންޓްރަލް ޕާކުގައި ބެހެއްޓިއެވެ.

ކުންފުނިތަކުގެ ސްޓޯލްތައް އެކި ތީމްތަކަށް ތައްޔާރުކޮށްފައިވާއިރު، އެކި އުމުރުފުރާގެ ކުދިންނާ ގުޅޭނެހެން އެކި ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ހުރީ ހަމަޖައްސާފައެވެ. އަދި ކުޑަކުދިން ގަޔާވާ ޝަޢުގުވެރިވާނެ ފަދަ ތަފާތު ޒަމާނީ ކެރެކްޓަރތަކުގެ ފިއުޝަންތަކާއި، ރާއްޖޭގެ ބައެއް އިހުގެ ކުޅިވަރުތަކާއި ސަޤާފީ ބައެއް ހަރަކާތްތައްވެސް ޢީދު ހަރަކާތްތަކުގެ ހިމަނައިގެން ކުރިއަށްގެންދިޔައެވެ.

މީގެ އިތުރުން ސަލާމަތީ ޚިދުމަތްތަކުން އެކި އެކި އޮޕަރޭޝަންތަކުގައި ބޭނުންކުރާ ޔުނިފޯމާއި، ހަތިޔާރާއި، އެއްގަމާއި ކަނޑު އުޅަނދުފަހަރުތައް ދައްކާލުމުގެގޮތުންވެސް ތަފާތު ސްޓޯލްތައް ގާއިމުކޮށް ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ.