މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ދެކަނބަލުން ސަޢުދި ޢަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. ރައީސްގެ ދެކަނބަލުންނަށް ޖިއްދާ އެއަރޕޯޓުން އަލްވަދާޢު ވިދާޅުވީ ޖިއްދާގެ ގަވަރުނަރ ޕްރިންސް ސައުދު ބިން ޢަބްދުﷲ ބިން އަލްޖަލާވީ އަލް ސައުދުއެވެ.
ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސަޢުދި ޢަރަބިއްޔާއަށް ފުރާ ވަޑައިގެންނެވީ މެއިމަހުގެ 31 ވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި އަރިހުގައި ވަޑައިގެންނެވި ވަޒީރުން ޙައްޖަށް ވަޑައިގެންނެވީ ސައުދީ ސަރުކާރުން ދެއްވި ޚާއްސަ ދައުވަތެއްގައެވެ. އެހެންކަމުން މިދަތުރުފުޅުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސަވައިދެއްވާފައިވަނީ ސަޢުދީ ސަރުކާރުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ސަޢުދި ޢަރަބިއްޔާއަށް ކުރެއްވި މިދަތުފުޅުގައިވަނީ ދިވެހި ޙައްޖާޖީންނާ ބައްދަލުކުރައްވައި ޙައްޖާޖީންގެ ޙާލު ބައްލަވާލައްވާފައެވެ. އަދި ޙައްޖާޖީންނަށް ހުރި ދަތިތައް އޮޅުންފިލުވައި ކަނބޮޑުވުންތަކުގެ އަޑުވަނީ އައްސަވާފައެވެ.
އެމަނިކުފާނުގެ މިދަތުރުފުޅުގެ ތެރޭގައިވަނީ ޙައްޖަށް ވަޑައިގެންނެވި އިއްޒަތްތެރިންގެ ޝަރަފުގައި ސަޢުދި ޢަރަބިއްޔާގެ ރަސްގެފާނު އަދި މާތްވެގެންވާ ދެ ޙަރަމްފުޅުގެ ވެރިޔާ ސަލްމާން ބިން ޢަބްދުލް އަޒީޒުގެ ފަރާތްޕުޅުން އެ ޤައުމުގެ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާން ބޭއްވެވި ޚާއްސަ ބައްދަލުކުރެއްވުމުގައި ބައިވެރިވަޑައިގެންފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިއަހަރުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންނެވީ ސައުދީ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާންގެ އެންމެ އަރިހުގައެވެ.
މި ބައްދަލުވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަޢުދި ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ސަޢުދި ޢަރަބިއްޔާއާ ދެމެދު ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން ދެބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން ދެ ޤައުމުގެ މެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުން، ދެ ޤައުމަށްވެސް ފައިދާކުރާނޭހެން ބަދަހިކުރެއްވުމަށް ކުރެއްވިދާނޭ ކަންތައްތަކާމެދު ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.
މީގެ އިތުރުން ސަޢުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ޙައްޖު އެންޑް އުމްރާ، ޑރ. ތައުފީޤު ބިން ފައުޒާން އައްރަބީޢާ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްވަނީ ކުރައްވާފައެވެ. މިނާގައި ހުންނަ ޙައްޖު މިނިސްޓްރީގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަޢުދީ ސަރުކާރުން ދެއްވަމުން ގެންދަވާ މެހުމާންދާރީއަށާއި އެއްބާރުލެއްވުމަށްޓަކައި އަދި އެންމެހައި ޙައްޖާޖީންނަށް ފޯރުކޮށްދެއްވި ފުރިހަމަ ޚިދުމަތަށްޓަކައި ސަޢުދީ ސަރުކާރާއި ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސްގެ ދެކަނބަލުން ސަޢުދީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާ ފުރާވަޑައިގެންނެވި މިއަދުއެވެ. ރައީސްގެ ދެކަނބަލުންނަށް ޖިއްދާ އެއަރޕޯޓުން އަލްވަދާޢު ވިދާޅުވީ ޖިއްދާގެ ގަވަރުނަރ ޕްރިންސް ސައުދު ބިން ޢަބްދުﷲ ބިން އަލްޖަލާވީ އަލް ސައުދުއެވެ.
މިއަހަރު ދިވެހި ޙައްޖާޖީން ޙައްޖުގެ އަޅުކަން އަދާކުރުމަށް ގޮސްފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުންނެވެ. މީގެ ސަބަބުން ޖިއްދާ އެއަރޕޯޓުގައި ދިވެހި ޙައްޖާޖީން ހޭދަ ކުރަން ޖެހުނީ އެންމެ 3 މިނެޓު ކަމަށް ސަރުކާރުން ވިދާޅުވެއެވެ. ސައުދީ ސަރުކާރުން މިކަން ހަމަޖައްސަވައި ދެއްވީ އެއްބަސްވުމަކާއި ނުލައި، ދިވެހި ރާއްޖެއަށް މި ޕްރޮގްރާމުގެ ޝަރުތުތަކުން އިސްތިސްނާތަކެއް ދިނުމަށް ފަހުއެވެ. މީގެ އިތުރުން ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް، ވަޑައިގެންނެވި ޙައްޖާޖީންނަށް މިއަހަރު އެހެން އަހަރުތަކާއި ޚިލާފަށް ރަނގަޅު އިންތިޒާމުތަކެއް ސައުދީ ސަރުކާރުން ވަނީ ހަމަޖައްސަވައި ދެއްވާފައެވެ.