ޚަބަރު

މިއަހަރު 59 މަޝްރޫއު، އަންނަ އަހަރު 72 މަޝްރޫއުގެ މަސައްކަތް ނިންމާލެވޭނެ: އެމްޓީސީސީ


  • މި މަޝްރޫއުތަކުގެ ތެރޭގައި މިހާރު ހަވާލުކޮށްފައިވާ ހުރި މަޝްރޫއުތަކާއި ޚާއްސަ މަޝްރޫއުތައް ހިމެނޭ

  • އެމްޓީސީސީގެ މަޝްރޫއުތަކާއެކު ރައީސްގެ ގިނަ ވައުދުތަކެއް ފުރިހަމަވެގެންދާނެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން މިއަހަރުގެ ތެރޭގައި 59 މަޝްރޫއެއްގެ މަސައްކަތް ނިމޭނެކަމަށް އެ ކުންފުނީގެ ސީއީއޯ އަހުމަދު ސައުދީ ވިދާޅުވެއްޖެއެވެ. ސައުދީ މިހެން ވިދާޅުވީ އެމްޓީސީސީގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.

އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ ވިދާޅުވީ ކުރީ ސަރުކާރުގައި އެ ކުންފުންޏާ ހަވާލުކޮށްފައި ހުރި މަޝްރޫއުތަކާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހަވާލުކޮށްފައިވާ ޚާއްސަ މަޝްރޫއުތަކުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، މިއަހަރު ޚާއްސަ މަޝްރޫއުތަކުގެ ގޮތުގައި ހަވާލުކޮށްފައިވާ 20 މަޝްރޫއަކާއި މިހާރު ކުރިއަށްދާ 39 މަޝްރޫޢު ހިމެނޭހެން 59 މަޝްރޫއެއްގެ މަސައްކަތް އެއްކޮށް ނިންމައި، ހަވާލުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ސައުދީ ވިދާޅުވީ މިހާރު މަސައްކަތްތައް ކުރިއަށްދާގޮތުން އެވްރެޖުކޮށް މަހެއްގެ ތެރޭގައި 6 މަޝްރޫއު ނުވަތަ 7 މަޝްރޫއުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. މިހާރު މަޝްރޫއުތައް ކުރިއަށްދާ ގޮތުން އަންނަ އަހަރު 72 މަޝްރޫއެއްގެ މަސައްކަތް ނިންމާލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"2026 ގައިވެސް އަޅުގަނޑުމެން ނިންމާނަން 72 ޕްރޮޖެކްޓްސް. އޭގެ ތެރޭގައި ހަމަ ސްޕެޝަލް ޕްރޮޖެކްޓާއި އޮންގޮއިން ޕްރޮޖެކްޓް ހިމެނޭނެ. ގޮސްސަ 2028 އާ ހަމައަށްދާއިރު އެމްޓީސީސީއާ ހަވާލުކޮށްފައިހުރި ޕްރޮޖެކްޓުތަކުގެ ތެރެއިން މަސައްކަތް ކުރަމުންދާ ޕްރޮޖެކްޓުގެ އަދަދަށް ބަލާނަމަ އެންމެ ފަހު ކުއާޓަރަށްދާއިރު ނުނިމި ހުންނާނީ 4ވަރަކަށް ޕްރޮޖެކްޓް،" އެމްޓީސީސީގެ ސީއީއޯ ވިދާޅުވިއެވެ.

އެމްޓީސީސީގެ ސީއީއޯ ވިދާޅުވީ، ކުންފުނީގެ މިހާރުގެ ޓާގެޓް ހާސިލް ކުރުމަށް ސަރުކާރާއި އެކި ވުޒާރާތަކާ ގުޅިގެން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އަދި އެ ކުންފުނީގެ މަސައްކަތްތައް ނިމިގެންދާއިރު ރައީސް ޑރ. މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ގިނަ ވައުދުތަކެއް ފުދިގެންދާނެކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ސައުދީ ވިދާޅުވީ އެއްފަހަރާ ގިނަ މަޝްރޫއުތައް ކުރިއަށްގެންދާއިރު އިންސާނީ ވަސީލަތްތައްވެސް މުހިންމު ކަމަށާއި އެ ވަސީލަތްތައް ކުރިއެރުވުމަށްވެސް ހާއްސަ ސަމާލުކަމެއް ދެއްވާ ކަމަށެވެ. އެެގޮތުން، އަންނަ އަހަރު ނިމޭއިރު އެއްފަހަރާ 150އަށްވުރެ ގިނަ މަޝްރޫއުތައް އެމްޓީސީސީން ކުރިއަށްގެންދަންޖެހޭ ކަމަށާއި އެ މަސައްކަތްތަކަށް ގިނަ މުވައްޒަފުން ބޭނުންވާނެ ކަމަށްވެސް އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ ވިދާޅުވިއެވެ.