ޖެފް ވިލްކޮސް މެމޯރިއަލް ރާޅާ އެޅުމުގެ މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ ރާޅައެޅުންތެރިން އޮސްޓްރޭލިއާއަށް ފުރައިފިއެވެ.
އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ރާއްޖެއިން ވާދަކުރަނީ އަލީ ހުޝްރުވާނާއި މުހައްމަދު އިހުސާން އަދި އަލީ ޖާވިދުއެވެ. މިމުބާރާތުގެ އޮފިޝަލެއްގެ ގޮތުގައި ޓީމްއާއެކު ދަތުރުކުރާނީ މޯލްޑިވްސް ބޮޑީ ބޯޑިންގ އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އަރީފްއެވެ. މި ތިން ރާޅާއެޅުންތެރިންވެސް ވާދަކުރާނީ މެން އޯޕަންބައިގައެވެ. މީގެތެރެއިންވެސް އަލީ ހުޝްރުވާން ޓޮޕް ނީ ކެޓަގަރީގައިވެސް ވާދަކުރުމަށްވަނީ ހަމަޖެހިފައެވެ.
މިދިޔަ އަހަރުވެސް މިމުބާރާތުގައި ވާދަކުރި އަލީ ހުޝްރުވާން ބުނީ މުބާރާތުގެ ފައިނަލާ ހިސާބަށް ރާއްޖޭގެ ރާޅާއެޅުންތެރިންނަށް ދަތުރުކުރެވިދާނެކަމަށާ މި ތިން ރާޅާއެޅުންތެރިންނަކީވެސް ބައިނަލަގްވާމީ މުބާރާތްތަކުގައި ރާޅާ އަޅާފައިވާ ރާޅާއެޅުންތެރިންކަމަށެވެ. އަދި އޮސްޓްރޭލިގެ ނިއު ސައުތް ވޭލްސްއަކީ ފިނި ތަނެއްކަމުން އެކަމުގެ އުނދަގޫ ރާއްޖޭގެ ރާޅާ އެޅުންތެރިންނަށް ވަރަށް ބޮޑަށް ދިމާވާނެކަމަށްވެސް ހުޝްރުވާން ފާހަގަކޮށްފައިވެއެވެ.
" އަހަރުން ރާއްޖޭގައި މިރާޅާއަޅަނީ ހުސްގަޔާ، ނަމަވެސް އޮސްޓްރޭލިއާރ ވަރަށް ފިނިވާނެ، އެހެންވީނަ އެކަމުގެ އުނދަގޫ ވަރަށް ބޮޑަށް ރާއްޖޭގެ ރާޅާއެޅުންތެރިން ވާނެ. ނަމަވެސް ރާއްޖޭގެ ރާޅާއެޅުންތެރިނަށް މުބާރާތުގައި ރަނގަޅު ހިސާބަކަށް ދަތުރު ކުރެވޭނެ" ހުޝްރުވާން ބުންޏެވެ.
އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިވައިވާ ޖެފް ވިލްކޮސް މެމޯރިއަލް ރާޅާ އެޅުމުގެ މުބާރާތް ކުރިއަށްދާނީ މިމަހުގެ 29-31 އަށެވެ.
ރާޅާއެޅުމަކީ ގައުމީ ކުޅިވަރަކަށް ބަދަލުކުރުމުށްފަހު މީ ސަރުކާރުގެ ފުލް ފަންޑުގައި ރާޅާ އެޅުންތެރިންގެ ޓީމެއް ރާއްޖެއިން ބޭރަށް ކުރާ ފުރަތަމަ ދަތުރެވެ.