ޚަބަރު

ސުޕްރީމް ކޯޓަށް މުޙައްމަދު ސަލީމާއި ޢަބްދުﷲ ހަމީދު ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވައިފި


  • ދެ ބޭފުޅުންނަށް ރުހުންދޭން މަޖިލީހުން ވަނީ ފާސްކޮށްފައި

  • މުޙައްމަދު ސަލީމާއި ޢަބްދުﷲ ހަމީދު އައްޔަން ކުރައްވަން ރައީސް ނަން ފޮނުއްވެވީ ޖޭއެސްސީގެ ލަފާގެ ދަށުން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ހައި ކޯޓު ކުރީގެ ފަނޑިޔާރުން ކަމަށްވާ އަލްއުސްތާޛް މުޙައްމަދު ސަލީމާއި އަލްއުސްތާޛް ޢަބްދުﷲ ހަމީދު ޢައްޔަންކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ދެ ބޭފުޅުންނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގެ ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދެވެ. އަދި، މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ހަވާލުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް މުޙައްމަދު ސަލީމާއި ޢަބްދުﷲ ހަމީދު ޢައްޔަންކުރެއްވުމަށް މަޖިލީހަށް ނަން ފޮނުއްވެވުމުން މަޖިލީހުން ވަނީ ދެ ބޭފުޅުންނަށްވެސް ރުހުން ދޭން ފެންނަކަމަށް މިއަދުގެ ޖަލްސާގައި ފާސްކޮށްފައެވެ. މަޖިލީހުން މިގޮތަށް ފާސްކުރީ ޖުޑީޝަރީ ކޮމިޓީންވެސް އެ ދެ ބޭފުޅުން ސުޕްރީމް ކޯޓަށް ޢައްޔަން ކުރައްވަން ޝަރުތުހަމަވާކަމަށް ފާސްކުރުމާ ގުޅިގެންނެވެ.

ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން މަޖިލީހުން މުޙައްމަދު ސަލީމާއި ޢަބްދުﷲ ހަމީދު ސުޕްރީމް ކޯޓަށް ޢައްޔަން ކުރަން ރުހުން ދީފައިވަނީ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓު ދެއްވި މެންބަރުންގެ އިއްތިފާގުންނެވެ.

ސުޕްރީމް ކޯޓުގެ ދެ މަޤާމެއް ހުސްވީ ސުލޫކީ މައްސަލައެއްގައި އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު މަޤާމުން ވަކިކުރުމާ ގުޅިގެންނެވެ. ސުޕްރީމް ކޯޓުގައި 7 މެންބަރުން ތިއްބަވައެވެ.

ހުސްވެފައިވާ މަގާމުތަކަށް އައްޔަން ކުރެއްވުމަށް ޖޭއެސްސީން ހުޅުވާލި ފުރުސަތުގައި 12 ފަރާތަކުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވިއެވެ. އެ ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދުގެ ނަން ފޮނުއްވެވީ ޖޭއެސްސީގެ ލަފަޔާއެކުގައެވެ.