ޚަބަރު

އޭޝިއާ ކަޕް ސާބާ ކޮލިފަޔާސްގައި ވާދަކުރާ ކުޅުންތެރިންނަށް ޖޯޒީ ހަވާލުކޮށްފި


ޖޫން 12-14 އަށް މާލޭގައި ބާއްވާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފަޔާސްގައި ވާދަކުރާ ރާއްޖޭގެ ކުޅުންތެރިންނަށް ޖޯޒީ ހަވާލުކޮށްފިއެވެ.

ޖޯޒީ ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފއިވަނީ ރޭ ދިރާގު ހެޑް އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު އަބުދުﷲ ރާފިއު ބައިވެރިވަޑައިގެންނެވިއެވެ. އަދި މި މުބާރާތިުގައި ވާދަކުރާ ރާއްޖޭގެ އަންހެން ޓީމާއި ފިރިހެން ޓީމުގެ ކުޅުންތެރިންނާ މުހާތަބުކުރައްވާ ވަޒީރު ވަނީ މުބާރާތުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ހުރިހާ ކުޅުންތެރިން މަސައްކަތް ކުރުމަށް އެދިވަޑައިގެން ދެ ޓީމަށްވެސް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ މި މުބާރާތުގައި ވާދަކުރަނީ ރާއްޖެ، އިންޑިއާ، ބަނގްލަދޭޝް އަދި އިންޑިއާއެވެ. މިއީ މި އުމުރުފުރައިގެ މުބާރާތެއްގައި ރާއްޖޭގެ އަންހެން ޓީމެއް ވާދަކުރާ ފުރަތަމަ ފަހަރެވެ. އަދި މި މުބާރާތް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

ޖޯޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ދެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ވަނީ ރާއްޖޭގެ ބާސްކެޓް އެސޯސިއޭޝަނާއި ކުޅީވަރު ވުޒާރާއިން މިފަދަ މުބާރާތެއްގައި ބައިވެރިވެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނީތީ އެފަރާތްތަކަށް ޝުކުރުއަދާކޮށްފައެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު 12:00 ގައެވެ. އެންމެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އިންޑިއާ އަދި ބަންގްލަދޭޝްއެވެ. ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި އަންހެން ޓީމު ނިކުންނާނީ މާދަމާ ހަވީރު 17:30ގައި ބަނގްލަދޭޝް އާއި ދެކޮޅަށެވެ. މި މުބާރާތުގެ މެޗުތަށް ޕީއެސްއެމްގެ ޔޭސް ޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.