އިސްތިޢުމާރު ކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ އިތުރު ބިންތައް ފޭރިގަނެ، ޔަހޫދީން ވަޒަންވެރި ކުރުވުމަށް ޞިހްޔޫނީންގެ ދައުލަތުން ހިންގާ 'އީ1' މަޝްރޫޢުގައި ބައިވެރިނުވުމަށާއި، އެ ކަމަށް އެއްބާރުލުން ނުދިނުމަށް ފަލަސްޠީނުގެ ޚާރިޖީ ވުޒާރާއިން ގޮވައިލައިފިއެވެ. އެ ވުޒާރާއިން މި ކަމަށް ގޮވައިލާފައި މި ވަނީ، އީ1 މަޝްރޫޢުގެ ދަށުން ހާހަކަށްވުރެ ގިނަ ގެދޮރު ބިނާކުރުމަށް ޔަހޫދީ ދައުލަތުން ބީލަމަށް ހުޅުވައިލުމާ ގުޅިގެންނެވެ. މި ނިންމުން ބަލައިނުގަނެވޭނެ ކަމުގައި ބުނެ، ވިލާތުގެ ހަ ޤައުމަކުން ވެސް ވަނީ މި ކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. ފަލަސްޠީނުން ބުނީ، މި މަޝްރޫޢުގައި ބައިވެރިވުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމުގައެވެ.
އިސްތިޢުމާރީ ސިޔާސަތުތަކަށް އެއްވެސް އެހީތެރިކަމެއް ނުދިނުމަކީ ޢަދުލުއިންޞާފާ ބެހޭ ބައިނަލްއަޤުވާމީ ކޯޓުގެ (އައިސީޖޭ) ނިންމުންތަކާ އެއްގޮތަށް ދައުލަތްތަކުގެ މައްޗަށް ލާޒިމު ކަމެކެވެ. ހުޅަނގު އައްސޭރި ބައިބައިކޮށްލުމަކީ ފަލަސްޠީނާއި ޔަހޫދީ ދައުލަތުގެ މިނިވަން ދެ ދައުލަތް ޤާއިމުކުރުމުގެ ޙައްލު ނެތިކޮށްލާނެ ކަމެއް ކަމުގައި ފަލަސްޠީނުން އިންޒާރުދިނެވެ. އަދި، ހަމައެކަނި ސިޔާސީ ބަޔާންތައް ނެރުމުގެ ބަދަލުގައި، ޔަހޫދީންގެ މި މަޝްރޫޢު ހުއްޓުވުމަށް ޢަމަލީ ފިޔަވަޅު އެޅުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ފަލަސްޠީނުގެ ޚާރިޖީ ވުޒާރާއިން ވަނީ ގޮވައިލާފައެވެ. އިންޞާފުވެރި ޞުލްޙައެއް ޤާއިމުކުރެވޭނީ ޔަހޫދީންގެ އިސްތިޢުމާރު ނިމުމަކަށް ގެނެސްގެން ކަމުގައި ވެސް އެ ވުޒާރާއިން ބުނެއެވެ. ފަލަސްޠީނުގެ ނައިބު ރައީސް ޙުސައިން އަލް-ޝައިޚް ވިދާޅުވީ، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ޙަޤީޤީ މާނައިގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމުގައެވެ.
އީ1 މަޝްރޫޢުގެ ދަށުން ބީލަމަށް ހުޅުވައިލުމުން އެ ކަން ކުށްވެރިކޮށް ބަޔާން ނެރެފައިވާ ވިލާތުގެ ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީވިލާތް، ނެދަލެންޑްސް އަދި ނޯވޭގެ އިތުރުން ހުޅަނގުގެ ބާރެއްގެ ގޮތުގައި ބެލެވޭ ކެނެޑާ ވެސް ހިމެނެއެވެ. އިސްތިޢުމާރު ކޮށްފައިވާ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ހިންގަމުންދާ މަޝްރޫޢުތައް ވަގުތުން ހުއްޓައިލުމަށް މި ބަޔާނުގައި ގޮވައިލާފައިވެއެވެ. އަދި، އީ1 މަޝްރޫޢުގެ ދަށުން ޔަހޫދީންނަށް ގެދޮރު ބިނާކޮށްދިނުމަށް ހުޅުވައިލާފައިވާ ބީލަމުގައި ބައިވެރިނުވުމަށް އެ ޤައުމުތަކުން ވެސް ވަނީ ކުންފުނިތަކަށް އިލްތިމާސް ކޮށްފައެވެ.
އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ޔަހޫދީ ދައުލަތުގެ ޖަމުޢިއްޔާތަކުން ބުނީ، އީ1 މަޝްރޫޢުގެ ދަށުން 1،234 ފުލެޓު އެޅުމަށް ޔަހޫދީ ދައުލަތުން ބީލަމަށް ހުޅުވައިލާފައި ވަނީ ކުރިން އެންގުމަކާ ނުލައި ކަމުގައެވެ. ފަލަސްޠީނުގެ ބިމުގައި ޣައިރުޤާނޫނީ ގޮތުން އަޅާ 3،400 ޔުނިޓް ހިމެނޭ 'އީ1' މަޝްރޫޢަކީ ޔަހޫދީ ވަޒަންވެރިން މިހާރު ވެސް ދިރިއުޅެމުންދާ މައަލޭ އަދުމީމާއި އިރުމަތީ ޤުދުސް ގުޅުވައިލުމަށް ރާވައިގެން ހިންގާ ޖަރީމާއެކެވެ. މި މަޝްރޫޢާއެކު ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ބައިބައިކޮށްލައި، ބައެއް ސަރަޙައްދުތައް އެކަހެރި ކޮށްލެވޭނެއެވެ. ޔަހޫދީންގެ ހީލަތްތެރި ނިޔަތަކީ، މި ފަދަ މަޝްރޫޢުތައް ހިންގައި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ހުރަސް އެޅުމެވެ.