ޚަބަރު

ޝައިޚް ފަރީދުގެ ޖަނާޒާގެ ކަންކަން ފުރިހަމަ ކޮށްދެއްވިކަމަށްޓަކައި އާއިލާގެ ޝުކުރު ރައީސަށާއި ސަރުކާރަށް


  • ޢާއިލާއިންވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރުދަންނަވާފައި

  • ޖަނާޒާގައި ބައިވެރިވި އެންމެންނަށްވެސް އާޢިލާއިން ޝުކުރު އަދާކުރި

ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ޚިދުމަތްތެރި ދާޢީ ފަޟީލަތުއްޝައިޚް އަލްމަރުޙޫމް އިބްރާހީމް ފަރީދު އަޙްމަދުގެ ޖަނާޒާގެ ކަންކަން ކޮށްދެއްވި ފުރިހަމަކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ސަރުކާރަށް ފަރީދުގެ އާޢިލާއިން ޝުކުރު އަދާކޮށްފިއެވެ.

ޝައިޚް އިބްރާހީމް ފަރީދުގެ ޖަނާޒާ ބާއްވާފައިވަނީ މިއަދު މެންދުރު ނަމާދަށްފަހު މެލޭޝިޔާގެ ސެލަންގޯގެ ހާޖީ ފީސަބީލިﷲ މިސްކިތުގައެވެ. ޝައިޚް ފަރީދު ފަސްދާނު ލާފައިވަނީ ތަނާޙް ޕަރްކުބްރަން އިސްލާމް ރައުދުލް ބަޤީ ގަބުރުސްތާނުގައެވެ.

ޝައިޚު ފަރީދުގެ އާއިލާއިން ވަނީ ޖަނާޒާގެ ކަންތައްތައް ފުރިހަމަ ކޮށްދެއްވިކަމަށްޓައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދަށް ޝުކުރު އަދާކޮށްފައެވެ. އަދި މެލޭޝިޔާގެ އެމްބެސަޑަރާއި ހައިކޮމިޝަންގެ ހުރިހާ ސްޓާފުންގެ އިތުރަށް ޖަނާޒާގެ ކަންކަން ފުރިހަމަކޮށްދެއްވުމުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށްވެސް އާއިލާއިންވަނީ އިޚުލާސްތެރިކަމާއެކު ވަނީ ޝުކުރުއަދާކޮށްފައެވެ.

މީގެ އިތުރުން މަރުޙޫމް ފަރީދުގެ އާއިލާއަށް ތަޢުޒިޔާ ފޮނުވި ހުރިހާ ފަރާތްތަކަށްވެސް އާޢިލާއިން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ޖަނާޒާގައި ބައިވެރިވި މެލޭޝިއާގައި ތިބި ފަރާތްތަކާއި، ދުރުގަތިބެގެން ޖަނާޒާގައި ބައިވެރިވި ފަރާތްތަކާއި، ސޯޝަލް މީޑިޔާގައި ޝައިޚް ފަރީދަށް ތަޢުރީފާއި ހެޔޮކަމުގެ ބަހެއް ބުނި ކޮންމެ މީހަކަށްވެސް އާޢިލާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.