ޚަބަރު

ފަލަސްޠީނުގެ ޙައްޤުގައި ސާބިތުކަމާއެކު ދޭ އެއްބާރުލުމަށް ސަފީރުގެ ޝުކުރު ރާއްޖެއަށް


  • ފަލަސްޠީނުގެ ޙައްޤުގައި އަޑުއުފުލުމުގައި ރާއްޖެއިން ދެމިތިބޭނޭ ކަމުގެ ޔަޤީންކަން ރައީސް ދެއްވި

  • ރާއްޖެއާއި ފަލަސްޠީނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ، 4 އެޕްރީލް 1982 ގައި

ފަލަސްޠީނުގެ ޙައްޤުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމުންދާ އެއްބާރުލުން ފާހަގަކުރައްވައި ފަލަޞްތީންގެ ސަފީރު ޝުކުރު އަދާކުރައްވައިފިއެވެ.

ފަލަސްޠީނުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރު، އިހާބް އިބްރާހީމް މުޙައްމަދު ޚަލީލް މިކަން ފާހަގަކުރެއްވީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް އެރުވުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތުގައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު، އިހާބް އިބްރާހީމް މުޙައްމަދު ޚަލީލް، ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ.

ފަލަސްޠީންގެ އައު ސަފީރު، ރައީސުލްޖުމްހޫރިއްޔާއަށް މަޤާމުގެ ފަތްކޮޅު އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އައު ސަފީރަށް ތަހުނިޔާ ވިދާޅުވެފައެވެ.

ސަފީރު ވަނީ، ފަލަސްޠީނުގެ ޙައްޤުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެއްވަމުންގެންދަވާ އެއްބާރުލުން ފާހަގަކުރައްވައި، އެކަމުގެ އަގުވަޒަންކުރައްވާކަން ހާމަކުރައްވާފައެވެ. އަދި ފަލަސްޠީނުގެ ޙައްޤުގައި ދިވެހިރާއްޖެއިން ބައިނަލްއަޤުވާމީ މައިދާނުގައި މެދުނުކެނޑި އަޑުއުފުލަމުން ދާދިއުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަލަސްޠީނުގެ ޙައްޤުގައި އަޑުއުފުލުމުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމިތިބޭނޭ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. ދެބޭފުޅުންވެސް ވަނީ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

ދިވެހިރާއްޖެއާއި ފަލަސްޠީނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ، 4 އެޕްރީލް 1982 ގައެވެ.