މިއަހަރުގެ ފުރަތަމަ 4 މަސްތެރޭ ޒަކާތު ފަންޑުން ފަޤީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް 1.9 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޒަކާތު ހައުސްއިން ވަނީ މިއަހަރުގެ ފުރަތަމަ 4 މަހު ޒަކާތު ފަންޑުން ޚަރަދުކުރިގޮތުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީމަހު ޒަކާތު ފަންޑުން ބޭސްފަރުވާއަށް 102 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަދި އެމަހު އެހީގެ ގޮތުގައި 1.5 މިލިޔަން ރުފިޔާ ހަމަޖެއްސިއިރު އެމަހު ޚަރަދުކޮށްފައިވަނީ 761،287.50 ރުފިޔާއެވެ.
ޖެނުއަރީމަހު އެންމެ ގިނައިން ޒަކާތު ފަންޑުން ބޭސް ފަރުވާއަށް ޚަރަދުކުރީ ކެންސަރު ބައްޔަށް ފަރުވާ ކުރުމަށެވެ. އެގޮތުން 199،303.50 ރުފިޔާ އެހީގެ ގޮތުގައި ހަމަޖައްސާފައިވެއެވެ.
• ފުއްޕާމޭގެ ބަލިތަކަށް: 90،000 ރުފިޔާ
• ކެންސަރު: 199،303.50 ރުފިޔާ
• ހިތުގެ ބަލިތަކަށް: 56،007.24 ރުފިޔާ
• ޓްރާންސްޕްލާންޓް: 405،493.11 ރުފިޔާ
• ކިޑްނީގެ ބަލިތަކަށް: 42،405 ރުފިޔާ
• ސިކުނޑީގެ ބަލިތަކަށް: 16،962 ރުފިޔާ
• އެހެނިހެން ބަލިތަކަށް: 699،737.21 ރުފިޔާ
މިދިޔަ ފެބްރުއަރީ މަހު ޒަކާތު ފަންޑުން 89 މީހަކަށް ބޭސްފަރުވާއަށް އެހީ ހަމަޖައްސާދީފައިވެއެވެ. އެގޮތުން އެހީގެ ގޮތުގައި 853،100 ރުފިޔާ ހަމަޖެއްސިއިރު އެމަހު 759،128 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ފެބްރުއަރީމަހުވެސް އެންމެ ގިނައިން އެހީތެރިކަން ފޯރުކޮށްދީފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ކުރުމަށެވެ. އެއީ 195،063 ރުފިޔާއެވެ.
• ކިޑްނީގެ ބަލިތަކަށް: 90،592.50 ރުފިޔާ
• ކެންސަރު: 195،063 ރުފިޔާ
• ހިތުގެ ބަލިތަކަށް: 33،924 ރުފިޔާ
• ޓްރާންސްޕްލާންޓް: 25،443 ރުފިޔާ
• ސިކުނޑީގެ ބަލިތަކަށް: 12،721.50 ރުފިޔާ
• އެހެނިހެން ބަލިތަކަށް: 495،356 ރުފިޔާ
މާރޗް މަހުގެ ތަފާސްހިސާބަށް ބަލާއިރު 68 މީހަކަށް އެހީގެ ގޮތުގައި 2،226،523.01 ރުފިޔާ ހަމަޖައްސާދީފައިވެއެވެ. މީގެ ތެރެއިން ޚަރަދުކޮށްފައިވަނީ 847،278.50 ރުފިޔާއެވެ.
• ކެންސަރު: 829،042.42 ރުފިޔާ
• ހިތުގެ ބަލިތަކަށް:25،443 ރުފިޔާ
• ކިޑްނީގެ ބަލިތަކަށް: 85،581 ރުފިޔާ
• ފުއްޕާމޭގެ ބަލިތަކަށް: 22،157 ރުފިޔާ
• ސިކުނޑީގެ ބަލިތަކަށް: 278،670.24 ރުފިޔާ
• އެހެނިހެން ބަލިތަކަށް: 985،629.35 ރުފިޔާ
މިދިޔަ އޭޕްރީލް މަހު ޒަކާތު ފަންޑުން ފަޤީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް 1.7 މިލިޔަން ރުފިޔާގެ އެހީ ހަމަޖައްސާދީފައިވެއެވެ. އެއީ 111 މީހަކަށެވެ. އަދި އެމަހު އެހީގެ ގޮތުގައި ވަނީ 1.1 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ.
އެހެން މަސްތަކެކޭވެސް އެއްގޮތަށް އޭޕްރީލްމަހު ވެސް އެންމެ ގިނައިން އެހީތެރިކަން ފޯރުކޮށްދީފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނަށްކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
• ކިޑްނީގެ ބަލިތަކަށް: 40،324 ރުފިޔާ
• ކެންސަރު: 301،075.50 ރުފިޔާ
• ހިތުގެ ބަލިތަކަށް: 54،240.50 ރުފިޔާ
• ޓްރާންސްޕްލާންޓް: 50،886 ރުފިޔާ
• ސިކުނޑީގެ ބަލިތަކަށް: 506،458.64 ރުފިޔާ
• އެހެނިހެން ބަލިތަކަށް: 772،646.87 ރުފިޔާ
ޒަކާތު ފަންޑުން އަންނަނީ އެހެނިހެން ދާއިރާތަކުންވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އެގޮތުން މިއަހަރުގެ ފުރަތަމަ 4 މަހުގެ ތެރޭގައި ފަޤިރުންނާއި މިސްކީނުންގެ ބައިން ޟަރޫރީ އެހީގެ ގޮތުގައި 86،000 އަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި ޢާމިލުންގެ ބައިން 1.3 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޒަކާތު ފަންޑުން ޚަރަދުކޮށްފައިވެއެވެ.
މީގެ އިތުރުން ފީސަބީލިﷲ ބައިން ޤުރުއާން ހިތުދަސްކުރުމާއި ޤުރުއާންގެ އިލްމު ފެތުރުމަށްޓަކައި 1.1 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު ދީނީ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށްވެސް 1.1 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.