ޚަބަރު

އަންހެން ޓީމު ބޮޑަށް މަސައްކަތްކުރީ މުބާރާތުގެ ދެން ހުރި މެޗުތަކަށް، އަމާޒަކީ ރަން މެޑެލް


ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފައިންގައި ރާއްޖޭގެ ޒުވާން އަންހެން ޓީމު ކުޅުނު ފުރަތަމަ މެޗުގައި ބެލީ ސްކޯއަށް ނޫން ކަމަށާއި ބޮޑަށް މަސައްކަތްކުރީ މުބާރާތުގެ ދެން ހުރި މެޗުތަކަށް ކަމަށް އަންހެން ޓީމުގެ ހެޑް ކޯޗު ގުރެއިޝް އަފްރާހް ބުނެފިއެވެ.

ރާއްޖޭގެ ޒުވާން ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ވަނީ އިއްޔެގެ މެޗުގައި މޮޅު ކުޅުމެއް ދައްކާ ބަނގްލަދޭޝް އަތުން ފަސޭހަކަމާއެކު މޮޅުވެފައެވެ. ރާއްޖޭން މިމެޗު ކާމިޔާބު ކުރީ 104 ޕޮއިންޓް 15 ޕޮއިންޓުންނެވެ.

އިއްޔެގެ މެޗުގައި ހުރިހާ ކުޅުންތެރިން ބޭނުން ކުރީ މިއީ ބައެއް ކުޅުންތެރިންނަށް އައު ތަޖުރިބާއަކަށް ވާތީ ކޯޓަށް ހޭނި ކުރިޔަށް ހުރި މެޗުތަކަށް ހުރިހާ ކުޅުންތެރިންވެސް ހަމަޖެހިލުމަށް ކަމަށް މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ކޯޗު ފާހަގަ ކުރިއެވެ.

މިއަދުގެ މެޗަށް ޓީމު ތައްޔާރުވާއިރު އެހެން ގައުމުތަކުގެ ކުޅުންތެރިންގެ ސްޓައިލް އިއްޔެގެ މެޗުތަކުން ކޮންމެވެސް ވަރަކަށް ފެނިފައިވާއިރު ކޯޗު ބުނީ އަދިވެސް އެހެންޓީމުތަކުގެ ކުޅުން ބަލައިގެން ރާއްޖޭގެ ޓީމު ކުރިޔަށް ހުރި މެޗުތަކަށް ތައްޔާރުވާނީ ހަމަ އިއްޔެގެ އެނާޖީގައި އެހެން މެޗުތައްވެސް ނިންމާލެވޭތޯ ކަމަށެވެ.

"މިއަދު މި ނިންމާލި އެނާޖީގައި ޕާފޯމްކުރެވޭނެ ކަމަށް އުންމީދުކުރަނީ. ބޭނުން ނުކުރެވޭނެ ކުޅުންތެރިއެއް ނެތް މި ޓީމަކު" ގުރެއިޝް ބުންޏެވެ.

ރާއްޖޭގެ ޒުވާން އަންހެން ޓީމުގެ ކެޕްޓަން ސާރާ ޒާޝާ ސަކަރިއްޔާ ބުނީ އުންމީދަކީ ރަން މެޑަލް ކަމަށާއި، ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް ޖޯޝާ ހިތްވަރުގައި ކަމަށެވެ.

"މިއަދުވެސް ރެޑީވެގެން ތިބީ މޮޅުވާން. ފުރަމަ ކުއާޓާގެ ނަތީޖާ އައި ގޮތުން ދެން ގޭމަށް ޔޫސްޑް ވެއްޖެ. އެހިސާބުން ފެށިގެން ރަނގަޅު ނަތީޖާއެއް ނެރެވޭތޯ މޮޓީވޭޓް ވެއްޖެ. ގޯލްޑް އެއީ ޓާގެޓް، ގޯލްޑް ނޫނީ ސިލްވަރ" ސާރާ ބުންޏެވެ.

ސާރާ ބުނީ ޓީމުގެ ހުރިހާ ކުޅުންތެރިންގެ ޓީމު ވޯކްވެސް ވަރަށް ރަނގަޅު ކަމަށާއި ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް ބޮޑަށް މޮޅުވުމުގެ އަޒުމުގައި ކަމަށެވެ.

މިއަދު ރާއްޖޭގެ އަންހެން ޓީމު ކުޅެން ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ ސްރީލަންކާ އާއި ދެކޮޅަށެވެ. މި މެޗު އޮންނާނީ މިރޭ 20:00 ގައި ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ. މި މެޗު ޕީއެސްއެމްގެ ޔޭސް ޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.