ޔަހޫދީ ދައުލަތުގެ ވައިގެ ސަރަޙައްދު ބަންދު ކުރުމުން އެތައް ހާސް ޔަހޫދީން ރަށަށް އަނބުރާ ނުދެވި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތާށިވެއްޖެއެވެ.
ޔަހޫދީންގެ ވައިގެ ސަރަޙައްދު ބަންދުކޮށްފައި ވަނީ ހުކުރު ދުވަހު ޔަހޫދީން އިސްވެ އީރާނަށް ވަރުގަދަ ޙަމަލާތަކެއް ދިނުމަށް ފަހުގައެވެ. ވައިގެ ސަރަޙައްދު މުއްދަތެއް ނެތް ގޮތަށް ބަންދު ކުރުމާ ގުޅިގެން އެ ސަރަޙައްދަށް ދަތުރުކުރާ ހުރިހާ ފްލައިޓެއް ވަނީ ކެންސަލް ކޮށްފައި، ނުވަތަ އެހެން މަންޒިލްތަކަށް ބަދަލު ކޮށްފައެވެ. އެއާއެކު ޔަހޫދީ ދައުލަތަށް ނިޞްބަތްވާ 100،000އަށް ވުރެ ގިނަ މީހުން ވަނީ އެނބުރި ރަށަށް އާދެވޭނެ މަގެެއް ނެތި އެކި ސަރަޙައްދުތަކުގައި ތާށިވެފައެވެ.
ޔަހޫދީ ދައުލަތުން ވަނީ ވައިގެ ސަރަޙައްދު އަލުން ހުޅުވައި ދަތުރުތައް ފެށުމުން ވެސް ޙުއްދަ ދޭނީ މަދު ޢަދަދެއްގެ ފްލައިޓުތަކަކަށް ކަމަށް ބުނެފައެވެ. އެހެންކަމުން ޔަހޫދީ ދައުލަތުގެ ރައްޔިތުން ޤައުމަށް އެނބުރި އައުމަށް ވަގުތުތަކެއް ނަގާފާނެ ކަމަށް ވަނީ ބުނެފައެވެ. މި ޙާލަތުގައި ރަށަށް އެނބުރި އައުމަށް ގިނަ ހަފްތާތަކެއް ނެގުން ވެސް އެކަށީގެންވާ ކަމަށް ޔަހޫދީ ދައުލަތުން ބުނެފައިވެއެވެ.
އީރާނަށް އަމާޒު ކޮށް ޔަހޫދީން ދިން ޙަމަލާގެ ބަދަލުގައި އީރާނުން ވެސް ދަނީ ޔަހޫދީންނަށް ކެނޑިނޭޅި ވަރުގަދަ ޙަމަލާތައް ދެމުންނެވެ.