ހޮންގް ކޮންގުގައި ބޭއްވި ދެ މުބާރާތެއްގައި ވާދަކޮށް ރާއްޖޭގެ ސީނިއަރ އަދި 21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމުން ހޯދި ކާމިޔާބީއަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުالله ރާފިޢު މަރުހަބާ ދަންނަވައިފިއެވެ.
ހޮންގް ކޮންގް ޗެލެންޖް ކަޕް 25 ގައި ވާދަކޮށް ސީނިއާ ގައުމީ ޓީމުން ވަނީ ލޯ މެޑަލް ހޯދާފައެވެ. އަދި ހޮންގް ކޮންގް ބައުހީނިއާ ކަޕުގައި ވާދަކޮށް 21 އަހަރުން ދަށުގެ ގައުމީ ޓީމުން ވަނީ ލޯ މެޑަލް ހޯދާފައެވެ.
ވަޒީރު ވަނީ އިއްޔެ ކުޅިވަރު ވުޒާރާގައި މި ކުޅުންތެރިންނާއި ޓީމުގެ ކޯޗުންނާއި އޮފިޝަލުންނާއި ބައްދަލުކުރައްވާފައެވެ. އަދި ކުޅުންތެރިން ކުރި ހިތްވަރަށް ސާބަސް ދެއްވާ ކުރިޔަށް ހުރި މުބާރާތްތަކުގައިވެސް ރަނގަޅު ނަތީޖާ ހޯދުމަށް އެދިވަޑައިގެންފައެވެ.
މިމަހުގެ 5-8 އަށް ހޮންގް ކޮންގުގައި ކުރިއަށްދިޔަ ހޮންގކޮންގ ޗެލެންޖް ކަޕުގައި ރާއްޖޭގެ ސީނިއަރ ނެޓްބޯޅަ ޓީމުންވަނީ މުބާރާތުގެ ދެވަނަ ހޯދިއިރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ހޮންގް ކޮންގެވެ. ހޮންގް ކޮންގަކީ އޭޝިއާގެ ނެޓްބޯޅައިގެ ރޭންކިންގެ ހަތަރުވަނައެވެ.
ރާއްޖޭގެ 21 އަހަރުންދަށުގެ ނެޓްބޯޅަ ޓީމު ވަނީ ހޮންގް ކޮންގް ބައުހީނިއާ ކަޕުގައި ވާދަކޮށް ޗައިނީޒް ޓައިޕޭ ބަލިކުރުމަށްފަހު މުބާރާތުގެ ތިންވަނަ ކަށަވަރުކޮށްފައެވެ. ރާއްޖޭގެ އިތުރުން ދެން މިމުބާރާތުގައި ވާދަކުރީ މުބާރާތް ބޭއްވި ގައުމުކަމަށްވާ ހޮންގް ކޮންގް، ޗައިނީޒް ޓައިޕޭ އަދި އިންޑިއާއެވެ.