ޚަބަރު

ޓެކްނިކަލް މައްސަލައެއް ދިމާވެ، އެއަރ އިންޑިއާގެ 787 މަރުކާގެ ފްލައިޓެއް އަނބުރާ ހޮންގްކޮންގަށް ޖައްސައިފި


ހޮންގްކޮންގް އިން ފުރައިގެން އިންޑިއާގެ ނިއު ދިއްލީއަށް ދަތުރުކުރި އެއަރ އިންޑިއާގެ މަތިންދާބޯޓަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، އަނބުރާ ހޮންގްކޮންގަށް ޖައްސައިފިއެވެ.

އެއަރ އިންޑިއާއިން ނެރުނު ބަޔާނެއްގައި ބުނީ، އެ އެއަރލައިންގެ ބޮއިންގ 8-787 މަރުކާގެ މަތިންދާބޯޓުގެ ފްލައިޓް އޭއި315، އަނބުރާ ހޮންގްކޮންގަށް އަނބުރާ ޖައްސާފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.

ނަމަވެސް، ދިމާވި ޓެކްނިކަލް މައްސަލައިގެ ތަފްޞީލެއް އެ އެއަރލައިނުން އަދި ދީފައެއް ނުވެއެވެ.

މިދިޔަ ހަފްތާގައި އަހުމަދުއާބާދުން ފުރައިގެން ލަންޑަނަށް ނައްޓައިލިތާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ވެއްޓިފައިވަނީވެސް، އެއަރ އިންޑިއާގެ ހަމަ އެ މަރުކާގެ މަތިންދާބޯޓެކެވެ. އެ ހާދިސާގައި އެ ބޯޓުން ދަތުރުކުރި 242 މީހުންގެ ތެރެއިން 241 މީހުން ވަނީ މަރުވެފައެވެ.

އެއަރ ޓްރެފިކް ކޮންޓްރޯލް މޮނިޓަރިން ވެބްސައިޓުގައިވާ ލައިވް ރެކޯޑިންގ އިން އަޑުއިވޭ ގޮތުގައި، ހޮންގްކޮންގްއިން ފުރިތާ ގާތްގަނޑަކަށް 15 މިނެޓު ފަހުން، ޓެކްނިކަލް މައްސަލައެއް އުޅޭތީ، އިތުރަށް ކުރިއަށް ނުގޮސް، އަނބުރާ ހޮންގްކޮންގަށް ޖައްސަން ބޭނުންވާ ކަން އެ ބޯޓުގެ ޕައިލެޓު ބުނެއެވެ.

ނަމަވެސް، އެ ރެކޯޑިން އާ ގުޅޭގޮތުން އެއަރ އިންޑިއާއިން އެއްޗެއް ބުނަން ވަނީ ދެކޮޅު ހަދައިފައެވެ.

މި ކަން ހިނގާފައިމިވަނީ، އިންޑިޔާގެ ހުޅަނގު ގުޖްރާތު ސްޓޭޓްގެ އަޙްމަދްއާބާދް ކައިރިއަށް އެއަރ އިންޑިއާގެ މަތިންދާބޯޓު ވެއްޓުނު ހާދިސާއާ ގުޅިގެން، ބޮއިންގ-787 މަރުކާގެ ހުރިހާ ބޯޓުތަކެއް ތަޙުޤީޤުކޮށް، އެއްވެސް މައްސަލައެއް ހުރިތޯ ބަލައި، ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް، އިންޑިއާގެ ވައިގެ ދަތުރުފަތުރާބެހޭ ވަޒީރު ވިދާޅުވެފައިވަނިކޮށެވެ.

އެއަރ އިންޑިއާގެ ފްލީޓުގައި 33 ބޮއިންގ-787 މަރުކާގެ މަތިންދާބޯޓު ބޭނުންކުރާއިރު، އެ މަރުކާގެ ބޯޓެއް އިންޑިގޯ އެއަރ އިން ވެސް ބޭނުންކުރެއެވެ.

އެ ބޯޓުތަކުގެ އުދުހުން އަދި މިހާތަނަށް މަނާކޮށްފައިނުވިނަމަވެސް، އެފަދަ މަޝްވަރާއެއް އިންޑިއާ ސަރުކާރުގެ ތެރެއިން ކުރެވެމުންދާކަމަށް ރިޕޯޓުތައް ބުންޏެވެ.