ޚަބަރު

އީރާންގެ ޙަމަލާތަކާ ގުޅިގެން ޔަހޫދީންގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކެއް ބަންދުކޮށްފި


ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް އަމާޒުކޮށް އީރާނުން ދެމުންދާ ނުރައްކާތެރި ޙަމަލާތަކާ ގުޅިގެން ޔަހޫދީންގެ ކުންފުންޏަކުން ހިންގާ ތެޔޮ ސާފުކުރާ ކާރުޚާނާތަކެއް ބަންދު ކުރަން ޖެހިފައިވާ ކަން ހާމަވެއްޖެއެވެ. އެ ކަން ހާމަ ކޮށްފައި ވަނީ ބަޒާން ގުރޫޕު ކިޔާ ކުންފުންޏަކުންނެވެ. އެއީ، ޔަހޫދީންގެ ބަނދަރުމަތީ ރަށް، ޚައިފާގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏެކެވެ.

އީރާނާއި އިސްރާއީލާ ދެމެދު ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ ޖޫން 13ވަނަ ދުވަހުއެވެ. އިސްވެ އީރާނަށް ޙަމަލާ ދީފައި ވަނީ ޔަހޫދީ ފައުޖުންނެވެ. ޙަމަލާތައް އަމާޒު ކުރަމުން ދަނީ ވެރިރަށް ޠަހްރާންގެ އިތުރުން އެހެން ސަރަޙައްދުތަކުގައި ޤާއިމު ކޮށްފައިވާ ނިއުކްލިޔަރ މަރުކަޒުތަކަށެވެ. އަދި، އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާއި ނިއުކްލިޔަރ ޕުރޮގުރާމުގައި މަސައްކަތް ކުރާ ސައިންޓިސްޓުންނަށެވެ. ޔަހޫދީންގެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 220އަށް އުފުލިފައެވެ. އޭގެ ތެރޭގައި 70އަށްވުރެ ގިނަ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.

ޒަޔަނިސްޓުންގެ ރަށްތަކަށް އީރާނުން ޙަމަލާ ދޭން ފަށާފައި ވަނީ އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. ޙަމަލާތަކުގައި އީރާނުން ދަނީ ނުރައްކާތެރި ބެލިސްޓިކް މިސައިލްތަކާއި އަސްކަރީ ޑްރޯންތައް ބޭނުން ކުރަމުންނެވެ. ބަޒާން ގުރޫޕުން ބުނީ، އީރާންގެ ޙަމަލާތަކެއްގައި އެ ކުންފުނިން ހިންގާ ތެޔޮ ސާފުކުރާ ކާރުޚާނާތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައެވެ.

ގެއްލުންވެފައި ވަނީ، އެ ކާރުޚާނާތަކަށް ކަރަންޓުގެ ޚިދުމަތާއި ސްޓީމް ފޯރުކޮށްދިނުމަށް ބޭނުން ކުރާ ވަސީލަތްތަކަށެވެ. އެ ކަމާ ގުޅިގެން އެ ކުންފުނިން އޮޕަރޭޓު ކުރާ ގިނަ ކާރުޚާނާތަކެއް ބަންދު ކުރަން މަޖުބޫރުވެފައިވާ ކަމުގައި އެ ކުންފުނިން ހާމަކުރިއެވެ. އަދި، އީރާންގެ ޙަމަލާތަކުގައި އެ ކުންފުނީގެ ތިން މުވައްޒަފުން މަރުވެފައިވާ ކަން ވެސް އެ ކުންފުނިން ހާމަކުރިއެވެ. އެ ކުންފުނިން އޮޕަރޭޓް ކުރާ ތެޔޮ ސާފު ކުރާ ކާރުޚާނާތައް ހުންނަނީ ޚައިފާގެ އައްސޭރިފަށުގައެވެ.

އީރާނުން މި ވަގުތު ވެސް ދަނީ ޒަޔަނިސްޓު އިސްރާއީލުގެ އަމާޒުތަކަށް ނުރައްކާތެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެ ޙަމަލާތަކުގެ ތެރެއިން ވެރިރަށް ތެލް އަވީވްގައި ހުންނަ ޔަހޫދީންގެ ޖާސޫސީ އިދާރާގެ މައި މަރުކަޒަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އީރާންގެ ޙަމަލާތަކުގައި ޔަހޫދީންގެ 20އަށްވުރެ ގިނަ މީހުން ވަނީ މަރައިލާފައެވެ. އަދި، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައިވާއިރު، އުމްރާނީ ވަސީލަތްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އީރާންގެ ޙަމަލާތަކާ ގުޅިގެން ތެލް އަވީވާގެ ޚައިފާގެ ގިނަ ރައްޔިތުން ގިނަ ވަގުތު ހޭދަ ކުރަން މަޖުބޫރުވެފައި ވަނީ ބިންގަރާސްތަކުގައި ޤާއިމު ކޮށްފައިވާ ބޮން ޝެލްޓަރ ނުވަތަ ހިޔާތަކުގައެވެ.