ޚަބަރު

ސޫރިޔާގެ އިތުރު ދެ އަސްކަރީ މަރުކަޒެއްގައި ތިބި އެމެރިކާ ސިފައިން އަނބުރާ ގެންގޮސްފި


ސޫރިޔާގެ އިރުއުތުރުގައި ހުންނަ އެމެރިކާގެ ދެ އަސްކަރީ މަރުކަޒެއްގައި ތިބި އެމެރިކާ ސިފައިން އަނބުރާ ގެންގޮސްފިއެވެ.

އެމެރިކާއިން ސިފައިން ބާލާފައި ވަނީ އަލް-ވަޒީރާއި ތަލް ބައިދަރުންނެވެ. އެއާއެކު އެ ސަރަޙައްދުތަކުގައި މިހާރު ޙަރަކާތްތެރިވަމުން ދަނީ ހަމައެކަނި ސޫރިޔަން ޑިމޮކްރަޓިކް ފޯސަސް، އެސްޑީއެފުން އެކަންޏެވެ.

މިއީ އެމެރިކާގެ ރައީސްގެ މަޤާމާ ޑޮނަލްޑް ޓްރަމްޕް ޙަވާލުވެވަޑައިގެންނެވި ފަހުން ހުސްކުރާ ސޫރިޔާގައި ހުރި އެމެރިކާގެ ހަތަރުވަނަ އަސްކަރީ މަރުކަޒެވެ. ޓްރަމްޕް ވިސްނަވާފައި ވަނީ ސޫރިޔާގައި ހުރި އަށް އަސްކަރީ މަރުކަޒު އެންމެ މަރުކަޒަކަށް މަދު ކުރައްވާށެވެ. އެ މަސައްކަތުގެ ދަށުން ސޫރިޔާގައި ތިބި އެމެރިކާ ސިފައިންގެ ޢަދަދު 2،000ން 500އަށް މަދު ކުރާނެ ކަމަށް ބެލެވެއެވެ.

އެސްޑީއެފްގެ ކޮމާންޑަރެއް ކަމަށްވާ މަޒްލޫމް އަބްދީ ވަނީ ސޫރިޔާގައި އެމެރިކާގެ ސިފައިން ޙަރަކާތްތެރިވާ މިންވަރު މަދުވެއްޖެ ނަމަ އެ ސަރަޙައްދަށް ނިރުބަވެރި ޖަމާޢަތެއް ކަމަށްވާ އައިއެސްގެ ނުފޫޒު އިތުރުވުން އެކަށީގެންވާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ބަލިކަށިވެފައިވާ އައިއެސް ޖަމާޢަތް އަލުން ހަރުދަނާކޮށް އެކުލަވައިލުމަށް އެ ޖަމާޢަތުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ކުރީގެ އަސްކަރީ މަރުކަޒުތަކާއި ދިމިޝްޤުފަދަ ބައެއް ސަރަޙައްދުތަކުގައި އައިއެސްއިން ޙަރަކާތްތެރިވާން ފަށައި ޙަމަލާތައް ދޭ ކަމަށް އޭނާ ވިދާޅުވިއެވެ.