ޚަބަރު

ރެކޯޑު މުގުރާލާނެކަމުގެ ޔަގީންކަން ދެމުން ނަހުލާގެ "ސޮރީ" ޕްރިމިއަރކޮށްފި


މީގެ 16 އަހަރުކުރިން ގެނެސްދިން ދިވެހި ފިލްމު ޔޫސުފްގެ ރެކޯޑު މުގުރާލާނެކަމުގެ ޔަގީންކަން ދެމުން ނަހުލާގެ "ސޮރީ" ފިލްމު ޕްރިމިއަރކޮށްފިއެވެ.

ކުލަގަދަ ހަފްލާއަކާއެކު އޮލިމްޕަހުގައި މި ފިލްމު ރަސްމީކޮށް ޕްރިމިއަރކޮށްދެއްވީ ތަފާތު ގިނަ ފިލްމުތަކެއް ދިވެހިންނާ ހަމައަށް ގެނެސްދެއްވި ތަޖުރިބާކާރު ޑައިރެކްޓަރ މުޙައްމަދު މުސްތަފާ ޙުސައިންއެވެ.

"ސޮރީ" މި ފިލްމަކީ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ބޮޑު ކާސްޓަކާއެކު އުފައްދާފައިވާ މި ފިލްމުން ރާއްޖޭގެ ފިލްމީ ދާއިރާގައި އެންމެ ފާހަގަ ކޮށްލެވޭ މަޝްހޫރު ތަރިން ކަމަށްވާ ޔޫސުފް ޝަފީޢު(ޔޫއްޕެ)، އައްޒަ، މަރިޔަމް ނިޝާ، ޝީލާ ފަދަ ތަރިން ފެނިގެންދާނެއެވެ. ފިލްމު ޕްރިމިއަރ ކުރުމަށް ބޭއްވި ޙަފްލާގައި ހުރިހާ ކާސްޓުން ބައިވެރިވިއެވެ.

ސޮރީއަކީ އަކީ ޑައިރެކްޓަރ ނަހުލާ، ބޮޑު ބްރޭކަކަށްފަހު އައު ފިލްމެއް އާންމުންނަށް ދޫކޮށްލާ ފިލްމެކެވެ. އަދި މި ފިލްމުގައި ނަހުލާގެ އެންމެ ހަނގު ދަރިފުޅު ލާލި އަދި މާމަ ދަރިފުޅު އެވްލީގެ މުހިއްމު ދައުރެއް ފެނިގެންދެއެވެ. އަދި މިލްމުގެ ތީމް ލަވަ ހުށަހަޅައިދީފައިވަނީ ނަހުލާގެ ފިލްމުތަކުން ކުރިން ފެނިގެންދިޔަ ދަރިފުޅު، ނާޝްއެވެ. ނާޝްގެ އިތުރުން ފިލްމުގެ ލަވަތައް ކިޔާފައިވާ ލަވަކިއުންތެރިންވަނީ ހަފްލާގައި ފިލްމުގެ ލަވަތަކުގެ ކޮމްޕައިލްއެއް ގެނެސްދީފައެވެ.

މިހަފްލާގައި "ސޮރީ" ފިލްމާ ގުޅޭގޮތުން ޑައިރެކްޓަރ ނަހުލާ ބުނީ ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު މި ގެނެސްދޭ ފިލްމަކީ ހުރިހާ ގޮތަލުން ބެލިނަމަވެސް އޭނާގެ އެހެން ފިލްމުތަކާއި އަޅާކިޔާލެވޭ ވަރުގެ ފިލްމަކަށްވާނެކަމަށެވެ.

ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ނަހުލާ ކުރިންވެސް ވަނީ "ސޮރީ" އާމެދު އުންމީދުތަކެއް އޮޮތްކަމަށް ބުނެފައެވެ. އެއަރއެކު ފިލްމުގެ ޕްރިމިއަރ ނައިޓާހަމައަށްއައިރު 19 ޝޯވގެ ޓިކެޓް ވަނީ ވިކިފައެވެ. މިއީ ނަހުލާގެ "ޔޫސުފް" އާ ބަލާއިރުވެސް އިތުރު އަދަދެކެވެ. ޔޫސުފް އެޅުވިއިރު ވިކުނީ 17 ޝޯވއެވެ. މިއާއެކު ޔޫސުފްގެ ރެކޯޑު މުގުރާލެވޭޏެކަމުގެ ޔަގީންކަން މިހާލުވަނީ ލިބިފައެވެ. މާލޭގެ އިތުރުން ރަށްރަށުގައިވެސް "ސޮރީ" އެޅުވުމަށް ޓިކެޓް ވިއްކުންކުރިއަށްދެއެވެ.

"ސޮރީ" ފިލްމު އެޅުވުމުގެ ކުރިން ނަހުލާ ވަނީ ބެލުންތެރިންނަށް ދޭ ހަދިޔާއެއްގެ ގޮތުން ދެން އެންމެ އަވަހަށް ނެރޭނެ ފިލްމުވެސް އިޢުލާންކޮށްފައެވެ. އެގޮތުން ދެން އުފައްދާނީ ދިވެހި ފިލްމު "ގިސް"ކަން ނަހުލާ ފާހަގަކުރެއެވެ.