ވަގު އެކައުންޓެއް ބޭނުންކޮށްގެން ޔަހޫދީންނަށާއި ޔަހޫދީންގެ އިސްވެރިންނަށާއި މެދުއިރުމަތީގައި އެމެރިކާއިން ގެންގުޅޭ ސިޔާސަތުތަކަށް މީސްމީޑިޔާގައި ވަރަށް ބޮޑަށް ފާޑުކިޔުމުން އެމެރިކާގެ އިސް އޮފިސަރެއް މަޤާމުން ވަކިކޮށްފިއެވެ.
އެމެރިކާ ސިފައިންގެ ޖޮއިންޓް ޗީފް އޮފް ސްޓާފުގެ ޕްލޭނިން ޑައިރެކްޓޮރޭޓަކުން ހިންގާ މިޞްރާއި ލެވާންޓު ގޮފީގެ އެންމެ އިސްވެރިޔާގެ މަޤާމުގައި ހުންނެވި ކާނަލް ނޭތަން މެކްކޯމެކް ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު 7ވަނަ ދުވަހުން ފެށިގެން ޔަހޫދީންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. އެ ގޮތުން ޔަހޫދީންގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަސައްކަތް ކުރަނީ އިތުރު ބިންތަކެއް އިސްތިޢުމާރު ކުރަން ކަމަށާއި ޔަހޫދީންނަކީ އެތައް ޒަމާނެއް ވަންދެން ނަސްލުހޭދަކުރުމުގެ ޖަރީމާތައް ހިންގަމުންދާ ބައެއް ކަމަށް ކާނަލް މެކްކޯމެކްގެ ޕޯސްޓުތަކުގައި ވަނީ ބުނެފައެވެ. އަދި ހުޅަނގުގެ ބާރުތަކުން ޔަހޫދީންގެ ޢަމަލުތައް ކުށްވެރިކޮށް ވާހަކަނުދައްކަނީ މީގެ ކުރިން ޔަހޫދީންނާ މެދު ޢަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ލަދުގަންނާތީ ކަމަށް ވެސް ކާނަލް މެކްކޯމެކް ތުހުމަތުކޮށްފައެވެ. އޭގެ އިތުރުން އޭނާ ވަނީ ޔަހޫދީންނަކީ ޤާތިލުންތަކެއް ކަމަށް ސިފަކޮށްފައެވެ.
އެމެރިކާ ސިފައިންގެ މަތީ މަޤާމެއްގައި ހުރެ ކާނަލް މެކްކޯމެކް ވަނީ މެދުއިރުމަތީގައި އެމެރިކާއިން ގެންގުޅޭ ސިޔާސަތުތަކަށް ވެސް ވަރަށް ބޮޑަށް ފާޑިކިޔައިފައެވެ. އޭނާ ބުނީ ޔަހޫދީންނާ އޮންނަ ގާތް ގުޅުމުގެ އެއްވެސް ފައިދާއެއް އެމެރިކާއަށް ނުކުރާ ކަމަށާއި އެމެރިކާއަށް ލިބުނީ މެދުއިރުމަތީގެ ޤައުމުތަކުގެ ނަފުރަތު ކަމަށެވެ. އަދި އެމެރިކާގެ ޢަމަލުތަކުގެ ސަބަބުން މެދުއިރުމަތީގެ އިތުރުން އެފްރިކާއާއި އޭޝިޔާގެ ޤައުމުތަކުގައި ދިރިއުޅޭ އެތައް މިލިޔަން މީހުންގެ ނަފުރަތު ވެސް ލިބިފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.
މިޞްރާއި ލެވާންޓު ގޮފީގެ އެންމެ އިސްވެރިޔާގެ މަޤާމަށް ކާނަލް މެކްކޯމެކް ޢައްޔަންކޮށްފައި ވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ވަގު އެކައުންޓެއް ބޭނުންކޮށްގެން ކާނަލް މެކްކޯމެކް ދައްކަމުންދިޔަ ވާހަކަތައް އެންމެ ފުރަތަމަ ފަޅާއަރުވާލާފައި ވަނީ ޖުވިޝް ނިއުސް ސިންޑިކޭޓް ނަމަކަށް ކިޔާ ޔަހޫދީންގެ ނޫހަކުންނެވެ.