އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުުރުކުރުމަށް އަމިއްލަ ފަރާތްތަކުން އިންވެސްޓްކުރުން މުހިންމު ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މުއްޠަލިބު މިހެން ވިދާޅުވީ، ހޮޓެލް މޯލްޑިވްސްގައި ބޭއްވި ކޯޕަރޭޓް މޯލްޑިވްސްގެ ސީއީއޯ ސަމިޓުގައި ވާހަކަދައްކަވަމުންނެވެ.
ކޯޕަރޭޓް މޯލްޑިވްސް ބިޒްވީކުގެ ސީއީއޯ ސަމިޓުގައި ވާހަކަފުޅުދައްކަވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ރާއްޖެއަކީ ވަކިވަކި ރަށްތަކެއްގެ ގޮތުގައި އޮންނަ ޤައުމަކަށްވާއިރު، އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަކީ މުހިންމުކަމެއްކަމަށެވެ. އަދި ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު، މައިކްރޯ ގްރިޑް، އަދި އިޢާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ފެނާއި ނަރުދަމާގެ ޚިދުމަތްތައް މިހާރުވެސް ފޯރުކޮށްދެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ރ. ވާދޫއަކީ މިހާރު ކުރިއަށްދާ ސޯލާ ޕްރޮޖެކްޓް ނިމޭއިރު މުޅި ރަށުގެ ކަރަންޓު އިޢާދަކުރަނިވި ހަކަތައިން ފޯރުކޯށްދޭ ރަށަކަށް ބަދަލު ކުރެވޭނެކަމަށެވެ. އަދި މިފަދަ ގޮތަކަށް ރާއްޖޭގެ އެހެން ރަށްތައްވެސް ބަދަލުކުރަން ސަރުކާރުން ބޭނުންވާކަމަށާއި، އެކަން ކުރުމަށްޓަކައި އަމިއްލަ ފަރާތްތަކުން އިންވެސްޓުކުރުން މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެން އަމިއްލަ ފަރާތްތަކަށް ހިތްވަރުދޭންޖެހެނީ މިކަމުގައި އައިސް އިންވެސްޓްކުރުމަށް. ޚާއްޞަކޮށް އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ ދާއިރާއަށް. އަދި އެކަމަށް ހިތްވަރުދެވިއްޖެނަމަ، އަޅުގަނޑު ދެކޭގޮތުގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ ޓެކްނޮލޮޖީ އިތުރަށް ހަރުދަނާވެގެންދާނެ." އިމާރާތްކުރުމާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިކަމުގައި މި ދާއިރާ އެކަށީގެންވާ ގޮތެއްގައި ތަމްސީލުކުރެވިފައި ނުވާކަމަށްކަމަށެވެ. ވުމާއެކު، އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް އިންވެސްޓްކުރުމަށް މި ދާއިރާއަށްވެސް ހިތްވަރުދިނުން މުހިންމުކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ދެކޭގޮތުގައި 2030ވަނަ އަހަރާ ހަމައަށް ނެޓް ޒީރޯ އިޤްތިޞާދަކަށް ވުމުގެ ރައީސްގެ ވިޝަން ޙާޞިލުކުރުމަށްޓަކައި ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަރައި ގެންދަންޖެހޭ. އަދި އަޅުގަނޑު ދެކޭގޮތުގައި ފަތުރުވެރިކަމުގެ ދާއިރާގެ އިންވެސްޓަރުންގެ އެހީތެރިކަމާއެކު އެކަން ޙާޞިލުކުރެވިދާނެ" އިމާރާތްކުރުމާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.
ކޯޕަރޭޓް މޯލްޑިވްސްގެ ބިޒްވީކް ރަސްމީކޮށް ފަށައިފައިވަނީ ސީއީއޯ ސަމިޓަކާއި އެކުގައެވެ. މި ސަމިޓުގައި ސަރުކާރާއި އަމިއްލަ ދާއިރާތަކުގެ އިސްވެރިން އެއްތަނަކަށް ޖަމާވެ، ރާއްޖޭގެ އިޤްތިޞާދު އިތުރަށް ވަރުގަދަކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ބިޒްވީކަކީ ވިޔަފާރި ކުރިއެރުވުމަށާއި، އެކުގައި މަސައްކަތްކުރުން އިތުރުކުރުމުގެ އިތުރުން އެހެނިހެން ދާއިރާތަކުގެ ޕްރޮފެޝަނަލުން ގުޅުވައިދިނުމަށް ފަރުމާކުރެވިފައިވާ ބީޓުބީ ނެޓްވޯކިންގ އިވެންޓެކެވެ. މީގެ މަޤްޞަދަކީ ރާއްޖޭގެ ވިޔަފާރި މުޖުތަމަޢުގެ ތެރޭގައި މަޝްވަރާތަކާއި، އެކުގައި މަސައްކަތްކުރުމާއި، ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދޭ މަންސައެއް އުފެއްދުމެވެ.
މި ސަމިޓުގައި ކޯޕަރޭޓް މޯލްޑިވްސްގެ އައު އެޕްލިކޭޝަނާއި ވެބްސައިޓް ވެސް ތަޢާރަފުކުރެވުނެވެ. މި އެޕްލިކޭޝަނާއި ވެބްސައިޓް ފަރުމާކުރެވިފައިވަނީ މުޅި ރާއްޖޭގައި ވިޔަފާރިއާ ގުޅޭ މަޢުލޫމާތާއި ނެޓްވޯކިންގ ވަސީލަތްތަކަށް ޑިޖިޓަލްކޮށް ވާސިލުވުމުގެ ފުރުސަތު އިތުރުކުރުމަށްކަމަށް ކޯޕަރޭޓް މޯލްޑިވްސްއިން ބުނިއެވެ.