އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގައި އެތްލެޓިކޯ މެޑްރިޑްގެ ޕަބްލޯ ބަރިއޯސް ޖެހި ދެ ލަނޑާއެކު މިއަދު ކުޅުނު މެޗުން އެ ޓީމު މޮޅުވެއްޖެ އެވެ.
އެމެރިކާގެ ސިއޭޓަލް ސައުޑަރސް އާއި ދެކޮޅަށް ސިއޭޓަލްގެ ލުމެން ފީލްޑްގައި ކުޅުނު މި މެޗުން އެތްލެޓިކޯ މެޑްރިޑް މޮޅުވެފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.
ގްރޫޕް ބީ ގައި ކުޅުނު އެތްލެޓިކޯ ކުޅުނު ފުރަތަމަ މެޗުން 4-0 ގެ ނަތީޖާއަކުން ޕީއެސްޖީ އަތުން ބަލިވެފައިވާއިރު މި މެޗަށް އެ ޓީމުން ނިކުމެފައިވަނީ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް މި މެޗުން ތިން ޕޮއިންޓް ހޯދުމަށެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 11 ވަނަ މިނިޓުގައި އެތްލެޓިކޯ މެޑްރިޑްގެ ޕަބްލޯ ބަރިއޯސް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މި ލަނޑަށްފަހުވެސް އެ ޓީމުގެ ހޫލިއަން އަލްވަރޭޒް އަށް ވަނީ ލަނޑު ޖަހަން ރަގަޅު ފުރުސަތެއް ލިބިފަ އެވެ.
އަދި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން އެތްލެޓިކޯ މެޑްރިޑް އަށް ރެފްރީ ޕެނަލްޓީ އެއް ދިން ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި އެކްސެލް ވިޓްސެލް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ނަމަވެސް އޭގެ ތިން މިނިޓު ފަހުން ސިއޭޓަލް ސައުންޑާރސްގެ އަލްބަރޓް ރުސްނަކް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފަ އެވެ.
އެތްލެޓިކޯ މެޑްރިޑް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 55 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ވެސް ޕަބްލޯ ބަރިއޯސް އެވެ.
މި މެޗުން މޮޅުވުމާއިއެކު އެތްލެޓިކޯ މެޑްރިޑަށް ވަނީ ގްރޫޕް ބީ ގައި ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ތިންވަނަ ލިބިފަ އެވެ. ސިއޭޓަލް ސައުންޑާރސް އަށް ޕޮއިންޓެއް ލިބިފައިނުވާއިރު އެ ޓީމު އޮތީ ގްރޫޕުގެ ފުލުގަ އެވެ. އެއްވަނައިގައި އޮތް ޕީއެސްޖީ އާއި ދެވަނައިގައި އޮތް ބޮޓަފޮގޯއަށް ތިން ޕޮއިންޓް ލިބިފައިވާއިރު މިއަދު މި ދެ ޓީމު ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ތިން ޕޮއިންޓުގެ ލީޑަކާއިއެކު އެއްވަނަ ލިބޭނެ އެވެ.